ރާއްޖޭގައި ވޮލީ ތަރައްގީކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް މާސްޓާ ޕްލޭނެއް އެބަ އޮތް ކަމަށާއި އެކަމަށް ވަރަށް ގިނަ ފައިސާ ހަރުދުވާނެތީވެ ބޮޑު ބަޖެޓެއް ދިނުމަށް ދާދި ފަހުން ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވި މުހައްމަދު ލަތީފު އެދިވަޑައިގެންފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވޮލީ މުބާރާތްކަމަށްވާ ގައުމީ ވޮލީ ލީގް ފެށުމުގެ ކުރިން ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ބޭއްވި ހަޚްފަލާއެއްގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ވޮލީ ކުޅުމުން ދިޔައީ ހަމައެކަނި މާލޭގައި ކަމަށާއި ނަމަވެސް މިހާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ވޮލީ ތާރަފްކޮށް ރަށްތަކުގައި ވެސް ފުޅާ ދާއިރާއެއްގައި ވޮލީ ކުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"އެކެއް އޮކްޓޯބަރު 2016އާ ހަމައަށް ވޮލީ ކުޅެމުން އައީ ހަމައެކަނި މާލޭގައޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ. ނަމަވެސް އެ ދުވަހުން ފެށިގެން އަޅުގަނޑުގެ އަމާޒަކީ މުޅި ރާއްޖޭއަށް ވޮލީ ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސަތްކަތްތަށް ކުރުން،" ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ އަކަމަށް ވަރަށް ގިނަ ފައިސާ ޚަރުދުވާނެ ކަމަށާއި މާސްޓަރ ޕްލޭންގެ ދަށުން ފުރަތަމަ އަމަޒަކީ ވޮލީގެ ކޯޗުން ތަރައްގީ ކުރުން ކަމަށެވެ.

"މިނިސްޓަރު ވިދާޅުވި މި ސަރުކާރުން ވޮލީއަށް ގާތްގަޑަކަށް ނުވަ މިލިއަން ރުފިޔާ މިހާތަނަށް ހަރުކޮށްފައިވާ ވާހަކަ. އެހެންވީމަ އަޅުގަނޑުމެން އެދެނީ މިފަހަރު 20 މިލިއަން ރުފިޔާ ދިނުމަށް ވޮލީ ތަރައްގީ ކުރުމަށް،" ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ ވީއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިނަމަވެސް އެ އެސޯސިއޭޝަނަކީ އޭނާގެ ތަނެއް ނޫން ކަމަށާއި އެއީ ވޮލީ އާއިލާގެ ތަނެއް ކަމަށާއި ހުރިހާ ފަރާތްތަކެއްވެސް ވޮލީގެ ކަންކަމުގައި ބައިވެރިވުމުގެ ދޮރު ވަނީ ހުޅުވާލެވިފައި ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ އެންމެންގެ ތަނެއް. އަޅުގަނޑުމެންނެގެ އެންމެ ބޮޑު ރައުސުލުމާލަކީ ވޮލީ ކުޅުންތެރިން. އަޅުގަނޑު ބުނެލަން ބޭނުންވަނީ އަތޮޅުތެރޭގައި ފޫހިވެފަ ގޭގައި ތިބި ކުޅުންތެރިންނާ ކޯޗުންނާއި ރެފްރީން ވެސް ދަނޑަށް ނުކުންނާށޭ. އަޅުގަނޑު މިހުރީ ތިބޭފުޅުންނާ އެކު ދަނޑަށް ނިކުމެ ވޮލީ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި،" ލަތީފު ވިދާޅުވިއެވެ.