03 Nov 2016, 12:49
ތިނެއް ނޮވެމްބަރު 1988ގައި ދިވެހި ގައުމަށް ޣައްދާރުވި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ވަރަށް އަވަހަށް ހައްޔަރުކޮށް ރާއްޖެ ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ލުތުފީ އަކީ ތިނެއް ނޮވެމްބަރު 1988ގައި ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ކުލީ ސިފައިންނާ އެކު މާލެ އަރައި، ރާއްޖެ އަށް އުދުވާނީ ހަމަލާދީ 19 ދިވެހިން ޝަހީދުކޮށްލުމުގައި އެންމެ އިސް މޭސްތިރި އެވެ.
އެކަމުގައި ބޭރުގެ ބަޔަކާ އެކު ރާއްޖެ އަރައި ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއް ނެތް އެތައް ބަޔަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށް މަރުގެ ހުކުމް އޭނާ އަށް އިއްވި އެވެ. ނަމަވެސް އެ ހުކުމް ރައީސް މައުމޫން ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ފަހުން ބަދަލުކުރި އެވެ.
ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2011 ވަނަ އަހަރު ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ލުތުފީ މިހާތަނަށް ރާއްޖެ އައިސްފައެއް ނުވެ އެވެ. ލުތުފީގެ ނަން "ޒާން"ގެ ނަމުގައި ފިލައިގެން އުޅެނީ ސްރީލަންކާގައި ކަމަށްވެ އެވެ.
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ: ބޭސްފަރުވާއަށް ކަމަށް ބުނެ ފިލައިގެން އުޅޭތާ ހަ އަހަރު ވެފައިވާ ލުތުފީ ހައްޔަރުކޮށްގެން ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން ވަނީ މިއަދު ވިދާޅުވެފައި ----
އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވާ އިރު ސަރުކާރުން ވަނީ އޭނާ ހައްޔަރުކުރުމާ ގުޅޭ މައުލޫމާތުދޭ މީހަކަށް ދެ ފަހަރެއްގެ މަތިން ފައިސާގެ އިނާމު ވެސް ހުށަހަޅައިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން އޭނާގެ ޕާސްޕޯޓް ބާތިލުކޮށްފައިވާ އިރު، ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.
ލުތުފީއާ ގުޅިގެން ވ. ފުލިދޫގައި މިއަދު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، "ދާދި އަވަހަށް އޭނާ ހިފައި ހައްޔަރުކޮށްގެން މިގައުމަށް އަޅުނގަޑުމެން ގެންނާނަން،" ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ މާޒީގައި ދިވެހިންގެ މިނިވަންކަން ނަގާލުމަށް ރޭވުނު ހުރިހާ ހާދިސާއެއްގައި ވެސް ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ބާރުތަކުގެ ފައިބުޑުގައި އާދޭސް ދެންނެވިކަން ފެންނަން އެބަ އޮތް ކަމަށެވެ.
ނަމަވެސް މިގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި އިއްޒަތާއި ޝަރަފް ދެމެހެއްޓުމަށް މިއަދުގެ ސަރުކާރުން ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް އޮތްކަމަށް ވެސް ވިދާޅުވި އެވެ.