03 Nov 2016, 12:40
ވެނެޒުއޭލާގެ މާލިއްޔާގައި ހުރި ފައިސާއަށް ވުރެ ދަރަނި ބޮޑުވެ، މާލިއްޔާ މުޅިން ހުސްވާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ވެނެޒުއޭލާގެ މާލިއްޔާގައި މިދިޔަ އަހަރު ފެށި އިރު 24 ބިލިޔަން ޑޮލަރު ހުރި އިރު، މިވަގުތު ހުރީ 10 ބިލިޔަނެއްހާ ޑޮލަރެވެ.
ނަމަވެސް އެ ގައުމުގެ ދަރަނި، އެއަށް ވުރެ މާ ބޮޑުތަން ބޮޑެވެ. ވެނެޒުއޭލާއިން އެކި ފަރާތްތަކަށް ވިއްކާފައިވާ ބޮންޑުތަކެއްގެ ފައިސާ، އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ދައްކަން ޖެހެ އެވެ. ބޮންޑުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 11 ބިލިޔަނެއްހާ ޑޮލަރަށް އަރަ އެވެ.
މީގެ އިތުރުން ވެސް ވެނެޒުއޭލާ އޮތީ ޗައިނާއާއި ބައެއް ތެޔޮ ކުންފުނިތަކަށް ބިލިޔަނުން ދަރައިފަ އެވެ.
އެހެންކަމުން ވެނެޒުއޭލާ މިވަގުތު އޮތީ، މުޅި މާލިއްޔާ އެއްކޮށް ހުސްވެ، ދައުލަތް ހުއްޓުމަކަށް އައުމުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.
ވެނެޒުއޭލާގެ މާލިއްޔާއަށް ދިމާވެފައިވާ މައްސަލައަކީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާ އެވެ. ވެނެޒުއޭލާގެ އިގްތިސާދީ ހާލަތުގެ ސަބަބުން އެގައުމުގެ އެތައް މިލިޔަން ރައްޔިތުން ދަނީ ކާނާއަށާއި ބޭސްފަރުވާއަށް ޖެހެމުންނެވެ. އަދި އެގައުމުގައި ކުށްތަކާއި ޖަރީމާތަކަށް އަރައިގަންނަމުންދާ ނިސްބަތް ވެސް ގިނަވަމުން ދާ އިރު، އެގައުމުގައި ސިޔާސީ ހަލަބޮލިކަން ވެސް ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ.
އައިއެމްއެފްއިން ލަފާކުރާ ގޮތުގައި މިއަހަރު ވެނެޒުއޭލާގެ އިންފްލޭޝާން ރޭޓު 500 ޕަސަންޓު އިތުރުވާނެ އެވެ. އަދި ކާނާގެ އަގު މައްޗަށް ގޮސް، މާކެޓުގައި ހުރި ކާބޯތަކެތީގެ އަގު ރައްޔިތުންގެ އަތް ވެސް ނުފޯރާ ފަށަށް ދާނެ ކަމަށް އައިއެމްއެފްއިން ބުނެފައިވެ އެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ރިޔާސީ ބާރު ގަދަކުރައްވައި "ހުދުމުޚްތާރު" ވެރިކަމެއް ކުރައްވައި، ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ސިޔާސަތުތައް ހިންގަވަމުންދާތީ، 2013 ވަނަ އަހަރުން ފެށިގެން އެގައުމުގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.
އެގޮތުން އިންފްލޭޝަނާއި ކުށްތަކަށް އަރައިގަތުން ވަރަށް ބޮޑުތަން އިތުރުވެ، ގިނަ ރައްޔިތުން ބަނޑަށް ޖެހި ފަގީރުވަމުން ދާތީ، 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އެގައުމުގައި ބޮޑެތި މުޒާހަރާތައް ކުރަމުން ދެ އެވެ.