03 Nov 2016, 11:58
ގައުމީ ވޮލީބޯޅަ ޓީމުން ދިވެހި ރާއްޖެއަށް ރަން މެޑައްޔެއް ހޯދުމުގެ އަޒުމުގައި މަސަތްކަތް ކުރުމަށް މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވޮލީ އާއިލާއަށް ގޮވާލައްވައިފި އެވެ.
ވީއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެންމެ ބޮޑު އަދި ޝަރަފުވެރި ވޮލީ މުބާރާތް ކަމުގައިވާ ގައުމީ ވޮލީ ލީގް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ވޮލީއަށް އަލަށް އިންތިހާބްވި ޓީމުން އެކުޅިވަރި އާ ހަރުފަތަކަށް ގެންދެވުމަށް މަސަތްކަތް ކޮށްދިނުމަށާއި އެ މަސަތްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ވެސް ލިބޭނެ ކަމަށެވެ.
"އެކްސޯ މެމްބަރުންނަށް އަބަދު ވެސް އަޅުގަނޑުމެންގެ ފަރާތުން އެއްބާރުލުން ލިބޭނެ. އަޅުގަނޑުމްންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނީ ހުޅުވާލެވިފައި. އެގޮތަށް ކުރިއަށްދާ އިރު އަޅުގަނޑުމެން އުންމީދު ކުރަނީ ބޭރުގެ ބައިނަލްޣްވާމީ މުބާރާތްތަކުގައި ބައިވެރިވެ ގޯލްޑް މެޑަލެއް ލިބޭނެ ފަދަ ޓާގެޓަކަށް މަސަތްކަތްކޮށްދެއްވުމަށް،" އިރުތިޝާމް ވިދާޅުވި އެވެ.
ގައުމީ ވޮލީބޯލް ލީގު ފެށުމުގެ ގޮތުން ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ބޭއްވި ޚަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު އެހްނެ ވިދާޅުވެފައިވާއިރު ރާއްޖޭގެ ގައުމީ ވޮލީ ޓީމް އަންނަނީ ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ބައިވެރިވެ ބޮޑެތި ކުރިއެރުންތެކެއް ވެސް ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ސެންޓަރް ޒޯން މުބާރާތުގެ ރަނަރަޕް ޓީމަކީ ވެސް ރާއްޖެ އެވެ. މިފަހަރުގެ މުބާރާތަށް ރާއްޖެއިންދާއިރު ޓާގެޓަކަށް ވެފައި ވަނީ ވެސް ރަން މެޑަލް ހޯދުމެވެ.
އިރުތިޝާމް ވިދާޅުވީ މިސަރުކާރުން ވޮލީބޯޅަ ރާއްޖޭގައި އިތުރަށް ތަރައްގީކޮށް ފޯރިގަދަކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށާއި އަދި ކުރިއަށްއޮތްތާންގައި ވެސް ވީއޭއެމްއާ ގިޅިގެން ވޮލީއ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސަތްކަތްތަކެއް ވެސް ކުރާނެ ކަމަށެވެ.
"މިސަރުކާރުން މި ވަނީ ރާއްޖޭގެ އެކި ސަރައްހައްދުތަކުގައި މިހާތަނަށް ފަންސާހަށް ވުރެން ގިނަ ވޮލީ ކޯޓް އަޅައިދީފައި. މިއަދު މިހާތަނަށް ވާނީ ވޮލީގެ އެކި ހަރަކާތްތަކަށް 2.9 މިލިއަނަށްވުރެން ގިނަ ރުފިޔާ ހަރަދުކޮށްފައި،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެފަދަ ބޮޑު ޚަރަދެއްކޮށްފައި ވާނީ ހާއްސަކޮށްގެން ވޮލީގެ ކުޅުންތެރިން ކުރިއެރުވުމަށް ކަމަށެވެ.