12 Jun 2011, 18:09
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މަސެކްގޯއާ މަސިރެ މުވަމްބާ އާއި އިދިކޮޅު ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު މިއަދު ބައްދަލުކުރައްވައިފި އެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވާހަކަ ދެއްކުންތައް އިތުރުކުރުމަށް ޓަކައި ކޮމަންވެލްތުން މި މަހުގެ 13 ން 15 އަށް ރާއްޖޭގައި ބާއްވާ މަސައްކަތު ބައްދަލުވުމަށް ޓަކައި ރާއްޖެ ވަޑައިގަތް އުޅުއްވާ ވަފުދާ ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ތަސްމީން ވަނީ އެފަދަ މުހިންމު ވޯކްޝޮޕެއް ރާއްޖޭގައި ބާއްވާތީ ޝުކުރު އަދާކުރައްވައިފަ އެވެ.
މީޑިއާ ނުވައްދައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވެސް މުވަމްބާ އާއި ތަސްމީން ވާހަކަ ދެއްކެވި ކަމަށް ޑީއާރުޕީން ބުނެ އެވެ.
މުވަމްބާ އާ އެކު ތަސްމީން މިއަދު މަޝްވަރާތަކެއް ކުރެއްވި އިރު ޑީއާރުޕީގެ އެތެރޭގެ ހަމަނުޖެހުން ގޯސްވެ ތަސްމީން އަށް ވަނީ އިދިކޮޅު ލީޑަރެއްގެ ދައުރު އަދާނުކުރެވޭ ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ.