08 May 2010, 09:56
14:30
ނޭޕާލުގެ މިހާރުގެ ސަރުކާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އިދިކޮޅު މާއޮއިސްޓުން ކުރަމުންދިޔަ މުޒާހަރާ އިއްޔެ ހުއްޓާލައިފި އެވެ.
މާއޮއިސްޓުންގެ ލީޑަރު ޕުޝްޕާ ކުމާރު ދަހަލް ވިދާޅުވީ ހަދުވަސް ވަންދެން ކުރިއަށްގެންދިޔަ މުޒާހަރާ ހުއްޓާލީ އެމުޒާހަރާގެ ސަބަބުން އެގައުމުގެ ފެކްޓްރީތަކާއި ފިހާރަތަކާއި ބޭންކުތަކާއި ސްކޫލްތައް ބަންދުވުމާ ގުޅިގެން އާންމުންނަށް ކުރިމަތިވަމުންދާ ދަތިއުނދަގޫތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް އަދިވެސް ގޮވަމުންދާނެ ކަމަށާއި އެގައުމުގެ މިހާރުގެ ސަރުކާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެހެން ގޮތްގޮތުންވެސް މަސައްކަތްކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަހަލް އިތުރަށް ވިދާޅުވެފައި ވަނީ ނޭޕާލުގެ ގާނޫނު އަލުން ޑްރާފްޓުކުރުމަށް ސަރުކާރަށް ދީފައިވާ އެންމެ ފަހު ދުވަހަކީ މިމަހުގެ 28 ވަނަ ދުވަސް ކަމަށާއި މާއޮއިސްޓުންގެ ހަރަކާތްތައް އެދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މާއޮއިސްޓުންގެ މުޒާހަރާ މިހުއްޓާލީ އެމުޒާހަރާއާ މެދު ނުރުހުން ފާޅުކުރުމަށް އެގައުމުގެ އިޖްތިމާއީ އެކިއެކި ޖަމިއްޔާތަކުން ވެރިރަށް ކަތުމަންޑޫގައި ބޭއްވި ހިނގާލުމަކާ ގުޅިގެންނެވެ. މިހިނގާލުމުގައި 35000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.