ތެހެރާން (ނޮވެމްބަރު 3): ކޮރަޕްޝަނުގެ ކުށުގައި އީރާނުގެ ވެރިރަށް ތެހެރާނުގެ ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް ސައީދު މުރުތަޒަވީގެ ގައިގައި 135 ފަހަރު ހައްދު ޖަހަން އެގައުކުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މުރުތަޒަވީގެ މައްޗަށް އެހުކުމްކޮށްފައި ވަނީ ތެހެރާނުގެ ސޯޝަލް ވެލްފެއާ ސިސްޓަމުގެ ވެރިޔާގެ ގޮތުގައި 2012ން 2013 ވަނަ އަހަރަށް އޭނާ ހުންނެވި އިރު ވެލްފެއާ ފައިސާއަށް ހިޔާނާތްތެރި ވުމުގެ ކުށުގަ އެވެ.

މުރުތަޒަވީ ވަނީ ތަކުރާރުކޮށް އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ކުރައްވާފައި ކަމަށް ބުނެ އެމެރިކާއިން ވަނީ މީގެ ކުރިން އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދުގެ އަރިސް ބޭފުޅެއް ކަމަށްވާ މުރުތަޒަވީ ވަނީ ދެހާހުގެ އަހަރުތަކުގައި ގައުމު ހިންގާ ސިސްޓަމް އިސްލާހު ކުރުމަށް ގޮވާލަމުން ދިޔަ ނޫސްތައް ބަންދުކޮށް، ނޫސްވެރިން ޖަލަށް ލުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.

އަދި 2009 ވަނަ އަހަރު ރައީސް އަހުމަދީނީޖާދު ދެވަނަ ދައުރަކަށް އިންތިހާބުވުމާ ގުޅިގެން އީރާނުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި ބައިވެރިވި ތިން މީހެއްގެ މަރާއި މުރުތަޒަވީއާ ގުޅުން ހުރި ކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ 2010 ވަނަ އަހަރު ނިންމާފަ އެވެ. ދެހާސްސާދަ ވަނަ އަހަރު ކުރިއަށް ދިޔަ އެމައްސަލައިގެ ޝަރީއަތުގައި ކޯޓުން ވަނީ އޭނާ ގާނޫނީ އެއްވެސް މަސައްކަތެއް ނުވަތަ ސަރުކާރު ވަޒީފައެއް އަދާ ކުރުން ފަސް އަހަރު ދުވަހަށް މަނާކޮށްފަ އެވެ. (ބީބީސީ)