03 Nov 2016, 10:44
ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް 1-0ގެ ނަތީޖާ އަކުން ސްޕޯޓިން ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު، ރެއާލް މެޑްރިޑް ކުޅުނު މެޗު 3-3ގެ ނަތީޖާ އަކުން ޕޮލެންޑުގެ ލެގާ ވޯސޯ އަތުން އެއްވަރުވެ ދަވަނަ ބުރުގެ ޖާގައެއް ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
ބޮރޫޝިއާ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް އެފްގެ އެއް ވަނާގައި 10 ޕޮއިންޓް ލިބިގެންނެވެ. ރެއާލް ދެވަނާގައި އަށް ޕޮއިންޓާއެކު އޮތްއިރު ތިން ވަނާގައި ސްޕޯޓިން އޮތީ ތިން ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް ލެގާ އަށް ލިބެނީ އެއް ޕޮއިންޓެވެ.
ގުރޫޕްގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ކުރިއަށްއޮތް މެޗުން މޮޅުވެއްޖެ ނަމަ ގަދަ 16ގެ ޖާގައެއް ކަށަވަރުވާނެ އެވެ،

ޑޯޓްމަންޑް އާއި ސްޕޯޓިން ރޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ޑޯޓްމަން މޮޅުވެފައި ވަނީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ
ޑޯޓްމަންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ކޮލަމްބިއާގެ ފޯވާޑް އެޑްރިއަން ރަމޯސް އެވެ.
ވޯސޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ރެއާލުން ވަނީ ދެ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. ފުރަތަމަ ގޯލު ގެރެތު ބޭލް ކާމިޔާބުކޮށްދިން އިރު ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ.

ލެގާ ވޯސޯއާ ރެއާލް ކުޅުނު މެޗުގެ ބޭލް އަތުން ބޯޅަ ހޯދުމަށް ވޯސޯގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފް ނިމުމުގެ ކުރިން ވޯސޯ އަށް ސުން ކަނޑުވާލަދިނީ ވަޑިސް އޮޑްޖިޑަޖާ އެވެ. ދެ ވަނަ ހާފްގައި ރެއާލް އިން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ވޯސޯއިން އިތުރު ދެ ލަނޑު ޖަހައި ލީޑު ހޯދުމެވެ. ދެ ވަނަ ހާފްގައި ވޯސޯގެ ފުރަތަމަ ގޯލު މިރޮސްލާވް ރަޑޮވިކް ކާމިޔާބްކޮށްދިން އިރު އެޓީމަށް ލީޑު ލިބުނީ ތިބައުލްޓް މައުލިން ކާމިޔާބުކުރި ގޯލުންނެވެ.
ނަސްލީ ތަފާތުކުރުންތަކާ ގުޅިގެން ވޯސޯ އަށް ޔުއެފާ އިން ދީފައިވާ އަދަބަކާ ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗުގައި ރެއާލް ސަލާމަތްވީ 85 ވަނަ މިނެޓުގެ މަޓެއޯ ކޮވަސިޗް ޖެހި ގޯލުންނެވެ.
ގްރޫޕް އީގައި ރޭ ކުޅުނު މެޗުތަކަށްފަހު އެއް ވަނާގައި އޮތީ ސީއެސްކޭ މޮސްކޯ އަތުން 0-3ގެ ނަތީޖާ އަކުން މޮޅުވި މޮނޯކޯއެވެ. ދެ ވަނާގައި ހަ ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-0ގެ ނަތީޖާ އަކުން މޮޅުވި ބަޔާން ލެވަކޫސަން އެވެ. ތިން ވަނާގައި ހަތަރު ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު ފުލުގައި ދެ ޕޮއިންޓާއެކު އޮތް މޮސްކޯ އަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ.