ކަރާޗީ (ނޮވެމްބަރު 3): ޕާކިސްތާނުގެ ކަރާޗީގައި މިއަދު ހިނގި ރޭލު އެކްސިޑެންޓެއްގައި 17 މީހަކު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ޑޯން ނޫހުން ބުނާ ގޮތުގައި ދުއްވާފައި ދިޔަ ރޭލަކާއި މަޑު ކޮށްގެން އޮތް ރޭލެއް ޖެހި ހިނގި އެހާދިސާގައި ރޭލުގެ ދެ ކެރިޖު ފުރޮޅާލާފައިވެ އެެވެ. އަދި އެހާދިސާގައި 17 މީހަކު މަރުވުމުގެ އިތުރުން 40 މީހަކަށް އަނިޔާވި ކަމަށް ޑޯން ނޫހުން ބުންޏެވެ.

ޑޯން ނޫހުގައިވާ ގޮތުން ސަލާމަތީ ފަރާތްތަކުން އަދިވެސް ދަނީ ރޭލުގެ ދަށުގައި ތާށިވެފައިވާ ގިނަ ބަޔަކު ސަލާމަތް ކުރުމަސް މަސައްކަތް ކުރަމުންނެވެ.

އެހާދިސާގެ ސަބަބުން ކަރާޗީއަށް ކުރާ ހުރިހާ ރޭލު ދަތުރުތައް މިހާރު ވަނީ ހުއްޓާލާފަ އެވެ.

ޕާކިސްތާނުގެ ދުވަސްވީ ރޭލު ދަގަނޑުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެގައުމުގައި ރޭލު އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ. މިދިޔަ ނޮވެމްބަރު މަހު ޕާކިސްތާނުގެ ބަލުޗިސްތާނުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 19 މީހަކު މަރުވެފައިވެ އެވެ. (ޑޯން)