03 Nov 2016, 10:17
މޫސަލް (ނޮވެމްބަރު 3) : އައިއެސް ޖަމާއަތުގެ އަތްދަށުން އިރާގުގެ މޫސަލް މިނިވަން ކުރުމަށް އިރާގު ސިފައިން ކުރިޔަށްގެންދާ ހަނގުރާމައިގާ އެރަށުގެ އެތަށް ސަރަހައްދަކުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލާފައިވާއިރު ހަނގުރާމައިން ސަލާމަތްވުމަށް ޢާންމުންގެ އެތަށް ހާސްބަޔަކު ރެފިއުޖީންގެ ގޮތުގައި އެރަށުން ބޭރުވަމުން އެބަގެންދެ އެވެ.
އދ. ބުނާގޮތުން މޫސަލްގެ އެތެރެއަށް އިރާގު ސިފައިން ވަދެ ހަނގުރާމަ ހޫނުވަމުންދާ ވަރަކަށް ރެފިއުޖީންގެ ގޮތުގައި އެރަށުން ނުކުންނަ އާންމުންދަނީ އިތުރުވަމުންނެވެ. މިހާތަނަށް ދެ ލައްކައެއްހާ މީހުން މުސަލްއިން ނުކުމެފައިވާ ކަމަށް ބެލެވިފައިވާއިރު އެމީހުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ވަގުތީ ފޭލިގެތައްވަނީ ފުރިފައެވެ. މިއާއެކު އދ. އިން ވަނީ މޫސަލްއިން އަންނަ ރެފިއުޖީންނަށް ކާބޯތަކެއްޗާއި ބޭހާއި ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 250 މިލިޔަން ޑޮލަރުގެ އެހީއަކަށް އެދި ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައެވެ.
މޫސަލްގައި މިހާރުވެސް ދޮޅުލައްކަ އެއްހާމީހުން އެބަތިބިކަމަށް ރިޕޯޓްތައް ބުނެއެވެ. މޫސަލް މިނިވަންކުރުމަށް ހަނގުރާމަކުރާ އިރާގު ސިފައިންވަނީ އެރަށުގެ އަވަށްތަކުގެ ތެރޭން 13 އަވަށެއް އެމީހުންގެ ބާރުގެ ދަށަށް ގެނަސްފައެވެ. އަދި އިރާގު ސިފައިންގެ ބައެއް ޔުނިޓްތައް މިހާރުތިބީ މުސަލްގެ އެއަރޕޯޓާ އެންމެ 5 ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށާ އެއާޕޯޓް ވަރަށް އަވަހަށް މިނިވަންކުރެވޭނެ ކަމުގެ އުންމީދު އިރާގު ސަރުކާރުންވަނީ ފާޅުކޮށްފައެވެ.

އަިއއެސްގެ ހަނގުރާމަވެރިން
އަނެއްކޮޅުން އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރުލް ބަޣްދާދީ ވަނީ މޫސަލްއިން ފިލަމުންދާ އެޖަމާއަތުގެ ހަނގުރާމަވެރިންނަށް ސާބިތުކަންމަތީގައި ތިބުމަށް އިލްތިމާސްކޮށްފައެވެ. ހަނގުރާމައިގެ މައިދާނުން ފިލުމަކީ މަރުގެ އަދަބު ލިބޭނެ ކަމެއްކަމުގެ އިންޒާރުވެސް ބަޣްދާދީ ދިނެވެ. ނަމަވެސް އިރާގު ސިފައިންގެ ކުރިމަތީގައި ފިލަމުންދާ އައިއެސްގެ ހަނގުރާމަވެރިންނަކީ ހައިހޫނުކަން ތަހައްމަލްކުރާ މީހުންކަމަށާއި އެމީހުން ފިލަނީ ހަށިގަނޑުގައި ހަރުކުރާ ބާވަތުގެ ގޮވާތަކެތީގެ ބެލްޓްތަކާއެކު އިރާގުގެ އެހެން ސަރަހައްދުތަކަށްގޮސް ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ ސްޓްރެޓެޖީގެ ދަށުންކަމަށް އިރާގުން ލިބޭ ޚަބަރުތައް ބުނެއެވެ. މޫސަލް އިން ފިލައިގެންދިޔަ އައިއެސްގެ ހަނގުރާމަވެރިންތަކެއް ދާދިފަހުންވަނީ އިރާގުގެ ކިރްކޫކުގައި އަމިއްލައަށް މަރުވެގެން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއްދީ ކިރްކޫކުގެ އާންމުންގެ ތިރީހަކަށް މީހުން މަރާލާފައެވެ. މިކަމުގެ ސަބަބުން އެރަށް ކޮންޓްރޯލްކުރާ އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ލޯކަލް ސަރުކާރަށްވަނީ ސިހުން ލިބިފައެވެ.
މޫސަލްގެ ހަނގުރާމަ ކުރިޔަށްގެންގޮސް އެރަށުން އައިއެސް ޖަމާއަތް ފައްސާލުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެރަށުގައި ގިނަ އަދަދެއްގެ އާންމުން ތަށިވެފައި ތިބުމާއި އައިއެސް އިން ހަނގުރާމައިގެ އައްޑަނައެއްގެ ގޮތުގައި އެމީހުން ބޭނުން ކުރަމުން ދިޔުމެވެ. ނަމަވެސް މިނޮވެމްބަރު މަހުގެ ފަހުކޮޅާ ހަމައަށްދާއިރު މޫސަލް އެއްކޮށް މިނިވަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް އިރާގު ސަރުކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)