03 Nov 2016, 10:19
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑެންމާކުގެ ކޯބެންހޭވެން އަތުން ޕޮއިންޓެއް ހޯދައި، އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީން ގަދަ 16ގެ އުންމީދު ބޮޑުކޮށްފި އެވެ.
ޑެންމާކުގައި ރޭ ލެސްޓާ އާއި ކޯބެންހޭވެން ބައްދަލުކުރި 'ގްރޫޕް ޖީ'ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޭގެ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ކޯބެންހޭވެން އިން ރަނގަޅު ކުޅުމެއް ދައްކާފައިވެ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ކޯބެންހޭވެން އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލެސްޓާ އާއި ކޯބެންހޭވެން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ފަހުކޮޅު ލެސްޓާ އިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން ރިޔާދް މަހްރޭޒް އާއި، ޖެމީ ވާޑީ އާއި އަހްމަދު ފިރާޒް މޫސާ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ޝިންޖީ އޮކަޒާކީގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ލީޑު ހޯދުމަށް ކޯބެންހޭވެން އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލެސްޓާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، އަންދްރޭސް ކޯނެލިއަސް އުފެއްދި އެ ހަމަލާ، ކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ ހުޝިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލެސްޓާ އާއި ކޯބެންހޭވެން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ބެލްޖިއަމްގެ ކްލަބު ބްރޫޖް އަތުން ޕޯޗުގަލްގެ ޕޯޓޯ ވަނީ މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޕޯޓޯ މޮޅުވެފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. ޕޯޓޯގެ އެ ލަނޑަކީ މެޗުގެ 38 ވަނަ މިނެޓުގައި ބްރޫޖްގެ ތޯމަސް ޕިނާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާ އެކު 'ގްރޫޕް ޖީ'ގެ އެއް ވަނައިގައި އަދިވެސް އޮތީ ލެސްޓާ އެވެ. ދެ ވަނައިގައި އޮތް ޕޯޓޯ އަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ކޯބެންހޭވެން އަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ބްރޫޖް އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.