03 Nov 2016, 09:48
އިންޑިއާގެ ތާރީހުގައި މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ޑްރަގް މައްސަލާގައި ބޮލީވުޑްގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން މުމްބާއީ އިން ހައްޔަރުކޮށްފައި ވަނީ ފިލްމު 'ވިކާލްޕް'ގެ ޕްރޮޑިއުސަރު ސުބާޝް ދުދާނީ އެވެ.
އިންޑިއާގެ ރެވެނިއު އިންޓެލިޖެންސާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން އެ މައްސަލާގައި 23،500 ކިލޯ ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އަތުލައި ގަތް މަސްތުވާތަކެތީގެ އަގު 4700 ކުރޯޑު ރުޕީޒް (70,375 އެމެރިކާ ޑޮލަރު) އަށް އަރާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އުދެއިޕޫރު ކައިރިންނެވެ. އެއީ ބައިނަލްއަގުވާމީ ނެޓްވޯކެއް ކަމަށް އިންޓެލިޖެންސް ޑިޕާޓްމަންޓުން ވަނީ މައުލޫމާތު ދީފަ އެވެ.
ސުބާޝް އާއި އެ މައްސަލަ އާއި ގުޅުމެއް ވާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ޖެހިގެން އައި ދުވަހު އެވެ.
އިންޓެލިޖެންސް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކޮޓަރި އެއް ވަނީ ހޯދައިފަ އެވެ. އެ ކޮޓަރި ތެރެއިން ފެނުނު މަނާ ބޭހުގެ އަދަދު ދެ ކްރޯޑަށް އަރަ އެވެ.
"މިއީ އިންޑިއާގެ ތާރީޚުގައި ވެސް ފެންމަތިވި އެންމެ ބޮޑު ޑްރަގް ގެ މައްސަލަ. ފަހަރުގައި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރަގް މައްސަލަ އަށް ވެސް ވެދާނެ. އަހަރުމެންނަށް އަތުލައިގަނެވުނު އެއްޗެހީގައި 23،500 ކިލޯ އެބަހުރި. ބައިނަލްއަގުވާމީ މާކެޓުގައި އެތަކެތީގެ އަގު 4700 ކުރޯޑު ރުޕީޒް އަށް އަރާނެ،" ރެވެނިއު އިންޓެލިޖެންސްގެ ޑިރެކްޓަރ ޖެނެރަލް ޖަޔަންތު މިޝްރާ ބުނެފައިވެ އެވެ.