03 Nov 2016, 10:15
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިޔޯން އިން އިޓަލީ ޗެމްޕިއަން ޔުވެންޓަސް ހިފަހައްޓައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި ލިޔޯން އަތުން ޔުވެންޓަސް އެއްވަރުވެފައި ވަނީ 1-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ގަދަ 16ގެ ޖާގައެއް ކަށަވަރުކުރުމަށް ޔުވެންޓަސް އަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
އެ މެޗުގެ އަށް ވަނަ މިނެޓުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ތަނަސްވަކޮށްފައި ވަނީ ލިޔޯން އިންނެވެ. މެޗުގެ އަށް ވަނަ މިނެޓުގައި އެލެކްޒެންޑާ ލުކަޒެޓް އުފެއްދި ހަމަލާ، ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފަން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޔުވެންޓަސް އިން ލީޑު ހޯދާފައި ވަނީ ލިޔޯންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސްޓެފާނޯ ސްޓުރާރޯ އަށް މޫކްޓާރް ޑިއަކާބީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ޔުވެންޓަސް އަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިން އެވެ.
ޔުވެންޓަސްގެ އެ ލަނޑަށް ފަހު އެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، ލިޔޯން އަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔުވެންޓަސްގެ ކްލައުޑިއޯ މާކީސިއޯ އާއި މާރިއޯ މަންޒޫކިޗް އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެން ދިޔަ އިރު، ލިޔޯންގެ ރާޝިދް ގެޒާލް އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ދެ ވަނަ ހާފުގައި ލިޔޯން އިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރިތަން ފެނިގެންދިޔަ އެވެ. ހަމަލާތަކަށް ފަހު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ލިޔޯން އިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ގެޒާލް ދިން ބޯޅައަކުން ލިޔޯން އަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ކޮރެންޓިން ޓޮލިސޯ އެވެ.
އެ ގްރޫޕްގެ އަނެއް މެޗުގައި ފަސޭހަކާ އެކު ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް ބަލިކޮށް، ސްޕެއިންގެ ސެވިއްޔާ އިން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސެވިއްޔާ މޮޅުވެފައި ވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާ އިން އެއް ލަނޑު ކާމިޔާބުކުރި އިރު، ދެ ވަނަ ހާފުގައި ތިން ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސެވިއްޔާ އަށް ލީޑު ހޯދައިދީފައި ވަނީ ލޫސިއާނޯ ވިއެޓޯ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބެން ޔެޑާ ކާމިޔާބުކޮށްދިން ލަނޑަށްފަހު އޭނާ އުފާފާޅުކުރަނީ: ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅުނު މެޗުން ސެވިއްޔާ މޮޅުވެފައި ވަނީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ 66 ވަނަ މިނެޓުގައި ސެވިއްޔާ އަށް ސާޖިއޯ އެސްކުޑެރޯ ލީޑު ފުޅާކޮށްދިން އިރު، މެޗުގެ 80 ވަނަ މިނެޓުގައި ސެވިއްޔާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ސްޓީވަން އެންޒޮންޒީ އެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ސެވިއްޔާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ވިސާމް ބެން ޔެޑާ އެވެ.
'ގްރޫޕް އެޗް'ގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައިވާ ސެވިއްޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ލިޔޯން އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ޒަގްރެބް އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.