03 Nov 2016, 09:33
ޝްރައްދާ ކަޕޫރު ވަނީ 'އާޝިގީ 2'، 'ހައިދަރު'، 'އެކް ވިލަން' އަދި 'ބާގީ' ފަދަ ފިލްމުތަކުގައި މޮޅު އެކްޓިން އެއް ދައްކައި ގިނަ ބައެއްގެ ލޯބި ހޯދައިފައެވެ. އަދި އެކްޓަރެއްގެ ގޮތުގައި އޭނާ އަކީ ވަކި ދެރަ ފަންނާނެއް ނޫން ކަން ވަނީ ސާބިތުކޮށްދީފައެވެ.
އެކްޓު ކުރުމުގެ އިތުރުން ޝްރައްދާ އަންނަނީ މަދުން ނަމަވެސް ލަވަ ކިޔަމުންނެވެ. ޝްރައްދާގެ އަޑުން 'ގަލިޔާން'، 'ސަބް ތެރާ' އަދި 'ބޭޒުބާން ފިރް ސޭ' ވަނީ އިވިގެން ގޮސްފައެވެ. ޝްރައްދާގެ އެކްޓިންގ އާ އެއްވަރަށް އޭނާގެ ލަވަކިޔުން ވެސް ސަޕޯޓަރުންނަށް ކަމުދިޔައެވެ.
ޝްރައްދާގެ ލަވަކިޔުން ކަމުދިޔައީ ހަމައެކަނި އޭނާގެ ސަޕޯޓަރުންނަކަށް ނޫނެވެ. ކުޅަދާނަ ލަވަކިޔުންތެރިޔާ އަންކިތު ތިވާރީއަށް ވެސް ޝްރައްދާގެ ލަވަކިޔުމުގެ ހުނަރު މިވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. 'ގަލިޔާން' ލަވަ ކިޔައިދީފައިވާ އަންކިތު ބުނީ ޝްރައްދާއަށް ލަވަކިޔުމުގައި އެންމެ ފުރިހަމަ ތަމްރީނު ލިބިފައިވާ ކަމަށާއި، ޕްރޮފެޝަނަލްކޮށް ލަވަކިޔަން ޝްރައްދާ މިހާރު ތައްޔާރު ކަމަށެވެ.
"ޝްރައްދާ އެބަހުރި ތަމްރީނު ވެފައި ލަވަކިޔަން. އެހެންވީމަ ލަވަކިޔާ އިރު ވަރަށް ރީތިކޮށް ހުރިހާ ނޯޓުތަކެއް ވެސް ފުރިހަމަ ކުރޭ. އަހަރެން ގަބޫލު ކުރާ ގޮތުގައި ޝްރައްދާއަށް ޕްރޮފެޝަނަލް ކޮށް ލަވަކިޔޭނެ މިހާރު. އޭނާ ހުރީ ތަމްރީނު ވެފައި،" އަންކިތު ބުނެފައިވެއެވެ.
ޝްރައްދާގެ ކުރިއަށް އޮތް ފިލްމު 'ރޮކް އޮން 2' ގައި ޝްރައްދާގެ އަޑުން ކިޔައިދީފައިވާ ތިން ލަވަ ހިމެނޭނެއެވެ. އެއީ 'ތެރެ މެރެ ދިލް'، 'ރޮކް އޮން ރީވިޒިޓެޑް' އަދި 'އުޅްޖަ ރޭ' އެވެ. އޭގެ އިތުރުން ޝްރައްދާ އަންނަނީ ޝޯވ ތަކުގައި ފިލްމުގެ ލަވަތައް ލައިވް ކޮށް ހުށަހަޅައި ދެމުންނެވެ.
މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމުގައި ޝްރައްދާގެ އިތުރުން ދެން ހަރަކާތްތެރި ވަނީ ފަރްހާން އަޚްތަރު، އަރްޖުން ރާމްޕާލް، ޕޫރަބް ކޯލީ އަދި ޕްރާޗީ ދެސާއީއެވެ.