03 Nov 2016, 00:58
ޕެނަލްޓީ ޝޫޓް އައުޓްގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު ވެލެންސިއާ އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ވިކްޓަރީގެ މައްޗަށް ވެލެންސިއާ ކުރި ހޯދާފައި ވަނީ ޕެނަލްޓީ ޖަހައިގެން 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ވެލެންސިއާ އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ މޮޅުވެފައި ވަނީ 4-1 ލަނޑުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެފައިވެ އެވެ.
އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދާފައި ވަނީ ވިކްޓަރީންނެވެ. މެޗުގެ 58 ވަނަ މިނެޓުގައި ވިކްޓަރީ އަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ވެލެންސިއާ އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ މޮޅުވެފައި ވަނީ 4-1 ލަނޑުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވިކްޓަރީން ލީޑު ހޯދުމާއެކު ވެލެންސިއާ އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ފުހައިދު އެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، 1-1 ލަނޑުން ދެ ޓީމުން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުމަށް އިތުރު ވަގުތު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގައި ވެސް ނަތީޖާ ނުނެރުވުމުން އެންމެ ފަހުން ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ވެލެންސިއާ އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ މޮޅުވެފައި ވަނީ 4-1 ލަނޑުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕެނަލްޓީގައި ވިކްޓަރީން ފޮނުވާލި އެއްވެސް ޕެނަލްޓީއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ވެލެންސިއާ އިން ކާމިޔާބުކުރި ޕެނަލްޓީތައް ޖަހައިދީފައި ވަނީ މުހައްމަދު އާރިފް(ބަކާ) އާއި، އަހްމަދު ރިލްވާން(ރިލޭ) އަދި މުހައްމަދު ސިފާން(ކުޑައްޓޭ) އެވެ.
ސެމީގައި ވެލެންސިއާ ނުކުންނަން ޖެހޭނީ މާދަމާ ރޭ ކުއާޓާގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ވިކްޓަރީ(ޔޫވީ) ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީގެ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ މެޗުގެ ކުރިން މި މަހުގެ ހަ ވަނަ ދުވަހު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.