03 Nov 2016, 09:40
އިނގިރޭސިވިލާތާއި އީރާނާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް، އިނގިރޭސި ވިލާތުގެ ބޭންކިން ސެކްޓަރާ ހެދި މަޑުޖެހިފައިވާ މަޑުޖެހުން ހުއްޓުވުމަށް ގެނައުމަށް މަސައްކަތްތަކެއް ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ ޓްރޭޑް މިނިސްޓަރު ލިއަމް ފޮކްސް ބުދަ ދުވަހު ވިދާޅުވީ، އެ ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ފުޅާ ނުކުރެވެނީ އެގައުމުގެ ބޭންކިން ސެކްޓަރުގައި ހުރި ކަންބޮޑުވުންތަކަކާ ހުރެ ކަމަށެވެ. އެހެންކަމުން އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަޑުމަޑުން ނަމަވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ އީރާނާއި އިނގިރޭސިވިލާތާ ދެމެދުގެ ވިޔަފާރި ކުރިއަރަމުން އަންނަތަން. އިނގިރޭސިވިލާތުގެ ކުންފުނިތަކުން ތިބީ އީރާނާއެކު ވިޔަފާރި ކުރަން ތައްޔާރަށް،" ފޮކްސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ، ބޭންކިން ސެކްޓަރުގައި ހުރި ގޮންޖެހުންތަކަކީ މާލީ ޚިދުމަތް ދިނުމާއި ޕޭމަންޓްތައް ޕްރޮސެސް ކުރުމުގައި ހުރި މައްސަލަތަކެއް ކަމަށެވެ. އަދި އެގައުމުގެ އެންމެ ބޮޑު އަމާޒަކީ އެ ކަންކަން ހައްލުކޮށް ދެގައުމުގެ މެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.