މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ތަމްރީން ޕްރޮގްރާމް "އިންކަންޓްރީ ޕްރޮގްރާމް އޮން ކޮމްޕިޓެންސީ ބޭސްޑް ޓްރޭނިން އެންޑް އެސެސްމެންޓް" ނުވަތަ ވާދަވެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ޕްރޮގްރާމެއް މިއަދު ފައްޓައިފި އެވެ.

ވާދަވެރި މާހައުލަށް މީހުން ތަމްރީން ކުރުމުގެ މިޕްރޮފްރާމް ފެއްޓީ މިއަދު ހެނދުނު މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައި ބޭއްވި ޖަލްސާއަކުންނެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ތިން ވަނަ އަހަރު ސިންގަޕޫރުގައި ތައާރަފްކުރި މަފްހޫމެއް ކަމަށްވާ ސީބީޓީ ރާއްޖެ އަށް ތައާރަފް ކުރުމުގެ ގޮތުން ހިންގާ މިޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

މިއަދުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ޑރ. މަހުމޫދު ރާޒީ އެވެ.

މިއަދުގެ ޖަލްސާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހާޝިމް ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެއްވާ ލެކްޗަރާއިންނަށް ސީބީޓީ ޕްރޮގްރާމް ހިންގޭނެ ގޮތެއް ހަމަ ޖައްސަވައި ދެއްވުން އެދި މިދިޔަ އަހަރު ޔޫތު މިނިސްޓަރު ހަސަން ލަތީފަށް ދެންނެވި ކަމަށެވެ.

ހާޝިމް ވިދާޅުވީ ކޮމްޕިޓެންސީ ބޭސްޑް ޓްރޭނިންގ އެންޑް އެސެސްމެންޓް [ސީބީޓީ] އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި ވޮކޭޝަނަލް ޓްރޭނިން ދިނުމުގައި މިހާރު އަމަލުކުރަމުން އަންނަ މަފްހޫމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސީބީޓީ އަކީ ތަމްރީން ލިބިގެން ނުކުންނަ މީހުން އެމީހުންގެ ތަމްރީނަށް ފަހު ވެސް ތަމްރީނު ދޭ ފަރާތުގެ އެހީތެރިކަން ލިބޭ ގޮތަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި ތަމްރީން ލިބިގެން ނުކުންނަ މީހުން އެމީހުން ކިޔެވި އެއްޗެއްގެ ބޭނުން ކުރަނީ ކިހާ ވަރަކަށްތޯ ބެލުމަކީ ވެސް އެފަދަ ޕްރޮގްރާމެއްގައި ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ ރާއްޖެ އަކީ މީހުން ތަމްރީން ކުރާ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ބުނާ ކަމަށެވެ.
"ބޭރުގެ ގައުމުތަކުން ރާއްޖޭގެ ވަޒީފާތަކަށް އަންނަނީ އެއްވެސް މަސައްކަތެއް ނޭނގޭ މީހުންގެ ގޮތުގައި، އަދި ދެތިން މަހެއްގެ ތެރޭގައި އެމީހުންނަށް މަސައްކަތް ދަސްކޮށް، ވަޑިއަކަށް، ޕްލަމްބަރަކަށް ނުވަތަ ސްކޫބާ ޑައިވިން ކުރާ މީހަކަށް ވެގެން އެނބުރި އެމީހުންގެ ގައުމަށް ނުވަތަ ދުނިޔޭގެ އެހެން ގައުމަކުން ވަޒީފާ ހޯދައިގެން ދަނީ." ހާޝިމް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އިން މަސައްކަތްތެރި ކަމުގެ ތަމްރީންތައް ފުރިހަމަ ކޮށްގެން ނުކުންނަ ދަރިވަރުންނަށް އެމީހުން އަމިއްލަ މަސައްކަތެއް ފެށުމަށް ލުއި ލޯނު ލިބޭނެ ގޮތެއް ހަމަ ޖައްސަވައި ދެއްވުމަށް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ޑރ. މަހުމޫދު ރާޒީގެ ކިބައިން އެދި ހާޝިމް އެދި ވަޑައިގަތެވެ.

ހުރިހާ ދާއިރާއަކަށް އަމާޒުކޮށްގެން ވެސް ލުއިލޯނު ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ޑރ. މަހުމޫދު ރާޒީ ވިދާޅުވި އެވެ.

މިއަދު ފެށި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ސްރީލަންކާގެ ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖް ފޯ ޓެކްނީޝަން އެޑިއުކޭޝަންގެ ޓްރޭނިން އެންޑް ޑިވެލޮޕްމެންޓް ޑިވިޝަންގެ ޗެއާމަން ޕްރޮފެސާ ރާޖޭޝް ޕީ ކަމްބަޔަޓް އެވެ. ސީބީޓީގެ ފައިދާތަކާ ބެހޭ ގޮތުންނާއި އެޕްރޮގްރާމްގެ ދަށުން އޭނާގެ ކޮލެޖުން ހޯދާފައިވާ ބައެއް ކާމިޔާބީތަކުގެ މައްޗަށް ޕްރޮފެސަރު ރާޖޭޝް ވާހަކަ ދެއްކެވި އެވެ.

ސީބީޓީ ޕްރޮގްރާމްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ލެކްޗަރާއިންގެ އިތުރުން ބައެއް އެހެން ފަރާތްތަކުން ވެސް ބައިވެރިވެ އެވެ.