މިއަދު ވެސް ރާއްޖޭގެ އަދުއްވުން މަސައްކަތް ކުރަމުންދަނީ ގާނޫނީގޮތުން އުފެދިފައިވާ ވެރިކަމާ ތޮޅެ، ގައުމުގެ އިސްތިގުލާލު ނަގާލަން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ނަސްރު ދުވަހުގެ މުނާސަބަތުގައި މިރޭ ސިފައިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖޭގައި ވެރިކަމާ "ތޮޅުމުގެ" ސަބަބުން ހީނުކުރާފަދަ ބޮޑެތި ގެއްލުންތައް ގައުމަށް ލިބިފައިވާ ކަމަށެވެ. އެކަންކަން ތާރީހުން ފެންނަން ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޓެހިން ހަތުރުންނަށް ބަދަލުވެ، މީހުންގެ ފުރާނައާ މުދަލަށް އެތައްބޮޑެތި ނުރައްކާތަކާ ގެއްލުންތައް ލިބިދާނެ ހަމަލާތަކަކީ ރާއްޖޭގައި ވެސް ހިނގާފައިވާ ކަންތައްތައް. މިހާރުވެސް އަޅުގަނޑުމެންގެ މިގައުމުގެ އަދުއްވުން އެގެންދަނީ ގާނޫނީގޮތުން އުފެދިފައިވާ ވެރިކަމާ ތޮޅެ، ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނަގާލުމަށްޓަކައި ކެނޑިނޭޅި މަސައްކަތްތައް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކައިރީގައި އަދި ދުރުގައި ތިބެގެން ވެސް އަދި އެކުގައި ދަތުރު ކުރަމުން ވެސް ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެފަދަ ދަށުދަރަޖައިގެ އެތައްކަމެއް މިހާރުވެސް ފެންނަނީ އެބައެއްގެ ފިކުރާއި އާންމުން ގަބޫލުކުރާ ހަމަތަކާ ހިލާފަށް ގާނޫނީ އިމުންވެސް ބޭރުން އަދި ތިމާގެ އަމިއްލަ އަބުރާއި އިއްޒަތާއި ކަރާމަތް ނަގާލައި ގާނޫނުން އެއްކިބާވެހުރެ ތިމާގެ އަމިއްލަ އެދުން ގައުމަށްވުރެ އިސްކުރެވިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެފަދަ ކަންކަން މިއަދު ހިގަމުން ދިޔަ ނަމަވެސް ރާއްޖޭގެ ނަވު ރަނގަޅު އައްސޭރިއަކަށް ގެއްދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިކްމަތާއި ހިތްވަރުން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެކަން އެންމެހާ ދިވެހީން ހިކުމަތާއެކު ގަބޫލުކުރަން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ކުރިމަތިވި ހަމަލާއިން އެނގިގެންދިޔަ ކަމަކީ ދިވެހި ގައުމަށް ޣައްދާރުވާ އެއްވެސް ޚާއިނަކަށް މި ފަސްގަނޑުން ފުރުސަތެއް ނުދޭނެކަން ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ އަބަދުވެސް ގައުމު ސަލާމަތްކުރަން ތެދުވަން ތައްޔާރަށް ތިބި ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.