ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ކްލަބްތަކަށް ގެނެސްފައިވާ ބިދޭސީ ފިރިހެން ކުޅުންތެރީންގެ ޓީމު ބައްދަލުކުރި ޚާއްސަ މެޗުން ގައުމީ ވޮލީބޯލް ލީގު ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިރޭ ބޭއްވި ޚާއްސަ ހަފްލާއަކަށް ފަހު ކުޅުނު މެޗު 3-1 ސެޓުން މެޗު ކާމިޔާބުކުރީ ބިދޭސީ ފިރިހެން ކުޅުންތެރީންގެ ޓީމެވެ. މެޗުގެ ފުރަތަމަ ސެޓް 25-20 އިން ދިވެހި ޓީމު ގެންދިޔަ ނަމަވެސް ޖެހިގެން އައި ތިން ސެޓް ކާމިޔާބު ކުރީ ބިދޭސީ ޓީމުންނެވެ. އެއީ 23-25، 18-25 އަދި 21-25 އިންނެވެ.

ގައުމީ ވޮލީ ލީގު ފެށުމުގެ ގޮތުން ކުޅުނު އެގްޒިބިޝަން މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ގައުމީ ވޮލީބޯލް ލީގު ރަސްމީކޮށް މިރޭ ފެށިނަމަވެސް ލީގުގެ ކުޅުން ފަށާނީ ހުކުރު ދުވަހުއެވެ. އެ ދުވަހު ކުޅޭނީ މިފަހަރު އަލަށް ތައާރަފްކުރި އަންހެން ޑިވިޝަނުގެ މެޗުތަކެވެ. ފިރިހެން ޑިވިޝަނުގެ ކުޅުން ފަށާނީ ޖެހިގެން އަންނަ ހޮނިހިރު ދުވަހުއެވެ.

ހުކުރު ދުވަހު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމެވެ.

ހުކުރު ދުވަހުގެ ރޭ ކުޅޭނީ ޕޮލިސް ކްލަބާއި ކްލަބް ޕޯލް ސްޓާގެ މެޗެވެ. އެ ހަތަރު ޓީމުގެ އިތުރުން ދެން އަންހެން ޑިވިޝަނުގައި ވާދަކުރަނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަންއެވެ.

ގައުމީ ވޮލީ ލީގު ފެށުމުގެ ގޮތުން ކުޅުނު އެގްޒިބިޝަން މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފިރިހެން ޑިވިޝަންގެ ކުޅުން އަންނަ ހޮނިހިރު ދުވަހު ފާށާއި އިރު އެދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސްޕޯޓްސް ކްލަބް ސިޓީ އާއި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބެވެ. އެ ދެ ޓީމުގެ އިތުރުން ދެން ފިރިހެން ޑިވިޝަންގައި ވާދަކުރަނީ އެންމެ ފަހުގެ ރަނަރަޕް ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ކްލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިތުރުން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތުގައި ބިދޭސީ ކުޅުންތެރީން ޓީމް ތަކުގައި ހިމަނާއިރު ސެންޓްރަލް ޒޯނުގެ ކުޅުންތެރިއަކަށް ވާކަށް ލާޒިމެއް ނުކުރެއެވެ. އޭގެ ބަދަލުގައި ކޮންމެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއެއް ވެސް ޓީމުގައި ހިމެނޭނެއެވެ.

ނޮވެމްބަރު 18ގައި ލީގު ނިމުމާ އެކު ގައުމީ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަން ފަށާނެ އެވެ. ގައުމީ މުބާރާތަށް ހޮވޭނީ ދެ ޑިވިޝަނުން ވެސް އެންމެ ކުރި ހޯދާ ހަތަރު ޓިމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ.