12 Jun 2011, 16:07
ރާމަﷲ: ލޭބަރުންގެ ގޮތުގައި އިސްރާއީލުގައި މަސައްކަތްކުރާ ފަލަސްތީނު މީހުންނަށް އެއިޑްސް ބަލި ޖެއްސުމަށް އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދް" އިން ރާވާފައިވާ ސިއްރު ރޭވުމެއް ބޭޒާރުވެއްޖެއެވެ.
މިކަމާބެހޭގޮތުން ދެއްވި ބަޔާނެއްގައި ފަލަސްތީނުގެ ލޭބަރ ޔުނިޔަންގެ ސެކްރެޓަރީ ޖެނެރަލް ޝާހިރު ސަޢްދު ވިދާޅުވީ އިސްރާއީލުގެ ނަމުގައި ފަލަސްތީނުގެ ބިންތަކުގައި އުފައްދާފައިވާ ޔަހޫދީ ދައުލަތުގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނު މީހުންނަށް އެއިޑްސް ބަލިޖެއްސުމަށްޓަކައި އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" ން ރާވާފައިވާ ސިއްރު ޕްލޭނެއް ބޭޒާރުވެފައިވާކަމަށާ މިކަމުގެ ޙަޤީޤަތް ހޯދުމަށް ފަލަސްތީނުން މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.
"މޫސާދް" ގެ ބިނާވެފައިވަނީ އެޗް.އައި.ވީ ޖެހިފައިވާ ރަޝިޔާގެ ކަސްބީ އަންހެނުންތަކެއްގެ ޖިންސީ ދަޅާގައި ފަލަސްތީނުގެ ލޭބަރުން ޖައްސައިގެން އެމީހުންގެ މެދުގައި އެޗް.އައި.ވީ. ފެތުރުމަށް ކަމަށާ މިއީ ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިސްރާއީލުން ހިންގާ ސިއްރު އެޖެންޑާގެ ބަޔަކަށްވެދާނެ ކަމަށް އޭނާ ވިދާޅުިއެވެ.
އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން އެތަށްހާސް ބަޔަކު ގެންދަނީ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ހަދާނެ އެހެންގޮތެއްނެތިގެން ޗީޕް ލޭބަރުންގެ ގޮތުގައި ވަރަށް ކުޑަ މުސާރައަކަށް އިސްރާއީލުގެ ކޮންސްޓްރަކްޝަންއާއި ފޮޅައި ސާފުކުރުމުގެ ދާއިރާތަކުގައި މަސައްކަތް ކުރަމުންނެވެ.
ރަޝިޔާގައި ޝާއިޢުކޮށްފައިވާ މީޑީޔާ ރިޕޯޓެއް ބުނާގޮތުން ރަޝިޔާގެ ޔަހޫދީއަކު މެދުވެރިކޮށް އިސްރާއީލުގެ ޖާސޫސީ އިދާރާ އިން ދާދިފަހުންވަނީ ރަޝިޔާގެ ކަސްބީ އަންހެނުންތަކެއް އިސްރާއީލަށް ގެންގޮސްފައެވެ. ރަޝިޔާގެ ނޫސްތަކުގައި މިދިޔަ ހަފްތާގައި ޝާޢިޢުކޮށްފައިވާ ޚަބަރުތައް ބުނާގޮތުން އެޤައުމުގެ ކަސްބީ އަންހެނުންގެ ތެރެއިން 150 އަންހެނަކު ދާދިފަހުންވަނީ އިސްރާއީލަށް ގޮސްފައެވެ.
މީގެތެރެއިން ބައެއް އަންހެނުން، ފަލަސްތީނުގެ ލޭބަރުން ޙަރަކާތްތެރިވާ ސަރަޙައްދުތަކަށްގޮސް ޖިންސީ ވިޔަފާރި އިޝްތިހާރުކޮށް ޖިންސީ ދަޅަތައް ދެއްކުމުގެ ޙަރަކާތްތަކެއް ހިިންގާފައިވާ ކަމަށާ މީގެތެރޭގައި އެޗް.އައި.ވީ. އަށް ޕޮޒިޓިވް އަންހެނުންވެސް ހިމެނޭ ކަމަށް ރަޝިޔާގެ މީޑިޔާ ޚަބަރުދެއެވެ. ނަމަވެސް ފަލަސްތީނުގެ ލޭބަރުން މިޖިންސީ ދަޅާގައި ޖެހިފައިވާކަން ނުވަތަ ނޫންކަން އަދި ސާފުނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ޢަރަބި ބައެއް ޤައުމުތަކުގެ ނިއުކްލިޔަރ ސައެންޓިސްޓުން މަރާލުމަށް "މޫސާދު" ން ހިނގާފައިވާ އޮޕަރޭޝަންތަކުގައިވެސް ކަސްބީ އަންހެނުންނާއި މޮޑެލްކުރާ ޒުވާން އަންހެންކުދިން ޖިންސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ.
އަދި ޙަމާސްގެ ކޮމާންޑަރެއް ކަމަށްވާ މަޙްމޫދް އަލްމަބްޙޫޙު އަވަހާރަކޮށްލުމަށް "މޫސާދު" ން 2010 ގައިވަނީ ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ވަގުޕާސްޕޯޓްތަކެއް ދީފައި ދުބާއިއަށް ޓެރަރިސްޓް ގުރޫޕެއްގެ ފޮނުވައިގެން ދުބާއިގެ ހޮޓަލެއްގައި ޓެރަރިސްޓް އޮޕަރޭޝަނެއް ހިިންގައި މަބްޙޫޙު އަވަހާރަކޮށްލާފައެވެ. (އަލްޢާލަމް)