03 Nov 2016, 10:10
މާލެއަށް ބަޔަކު އަރައި ސިފައިންގެ ވަށައިގެން ހަމަލާދޭ މަންޒަރު ދެ ފަހަރެއްގެ މަތިން ހުވަފެނުގައި ފެނުމާ އެކު އެކަމާ ފުންކޮށް ވިސްނަން ފެށި އެވެ. ހުވަފެން ފެނުމާ އެކު ސިފައިންގެ ޓާސްކުފޯހުގައި ތިބި ސިފައިންނަށް ސިފައިންގެ މައިމަރުކަޒާއި ގިރިފުށީގައި ސިފައިންގެ ދިފާއު ކުރާނެގޮތް ބުނެދީ ތަމްރީނެއް ބޭއްވި އެވެ. އެއީ 1988ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާދިނުމުގެ ކުރިން ގައުމީ ބަޠަލް، މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަށް އެކަމުގެ އިޝާރާތްލިބުނު ގޮތާއި އެކަމަށް ތައްޔާރުވިގޮތެވެ. އެ ހަމަލާގެ ހަ މަސް ކުރިންނާއި ދެ މަސް ކުރިން އެހުވަފެން ފެނުނު ކަމަށް ޖަލީލް ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލް-- ފޮޓޯ: ހަވީރު
ދިވެހީންގެ ޚާއިނުންތަކެއް ލަންކާގެ ޓައިގަރުންގެ ރަޙުމްކުޑަ ބައިގަނޑަކާ ގުޅިގެން ދިން އެ އަނިޔާވެރި ހަމަލާތަކުގައި 19 ދިވެއްސެއް ޝަހީދު ކޮށްލި އެވެ. އެ ހާދިސާ ވަނީ އެދުވަހުގެ ބަޠަލް ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް 1993 ވަނަ އަހަރު ތެރޭގައި ލިޔުއްވާފަ އެވެ. "އެދުވަސް މާޒީވެ ދިޔަސް އެހަދާންތައް ފޮހެވިގެންނެތް ނުދެ އެވެ" ނަމުގައި ޖަލީލް ވަނީ އެދުވަސް ވަރަށް ރަނގަޅަށް ސިފަކޮށްދީފަ އެވެ.
ނޮވެމްބަރު 3 އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންނާއި އާންމުން--
އެދުވަހު ފަތިހު 4:10 ކަންހާއިރު ސިފައިންގެ ތެރޭން ގިނަ މީހުންނަށް ހޭލެވުނީ ބަޑީގެ އަޑުފަށްގަނޑަށެވެ. އޭގެ ތެރޭގައި ޖަލީލްވެސް ހިމެނެ އެވެ. އެދުވަހު ހޭލެވުމާއެކު އެއީ ކުރިން ފެނުން ފަދަ ހުވަފެނެއް ނޫންކަން ޔަގީންވި އެވެ. އެންމެހާ ސިފައިން ޔުނީފޯމްއަޅައި ތައްޔާރުވަމުން ދިޔައިރު ވެސް އެ ވަމުންދާގޮތެއް ނޭނގެ އެވެ. އަސްކަރީ މާކަބޮޑު ތަމްރީނެއް ލިބިފައިނެތް ސިފައިން ދެން ދުޝްމަނުންނާ ހަނގުރާމަ ކުރަން ފެށި އެވެ.
ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އިލާމްގެ 80 ހަނގުރާމަވެރީން، ދިވެހީންގެ ދެ ޚާއިނުން ކަމަށްވާ އަބްދުﷲ ލުތުފީ އާއި އަހުމަދު ނާސިރާ އެކު ރާއްޖެ އަރައި ސިފައިންގެ މައިމަރުކަޒަށް އެއް ފަހަރާ ތިން ދިމާލުން ވަރުގަދަ ހަމަލާތަކެއްދިނެވެ. އޭގެ ތެރޭގައި ޕޮލިސް ހެޑްކްއާޓަރަށް ދިން ހަމަލާއާއި މެއިންގޭޓަށް ދިން ހަމަލާގެ އިތުރުން ހުޅަނގުފަރާތު ފާރުގޮއްވާލައިގެން ދިން ހަމަލާ ހިމެނެ އެވެ. ހަމައެއާ އެކު ރިޔާސީގަނޑުވަރުގެ ދެ ގޭޓަށް ވަނީ ހަމަލާތައް ދީފައެވެ.

ދުޝްމަނުންގެ ހަމަލާތަކަށް ރައްދުގައި ދިވެހި ސިފައިންވެސް ދިޔައީ ހަމަލާދެމުންނެވެ. ހަމަލާތައް ނުހުއްޓި ކުރިއަށްދާތާ ހަތަރު ގަޑިއިރެއްހާ ފަހުން ދުޝްމަނުން މާލެތެރެއަށް އަރައި މީހުންނަށް ބިރުދައްކައިގެން ވެރީން ރަހީނުކޮށްފާނެކަމުގެ ބިރުވެރިކަން ފެތުރުނެވެ. އޭރު ސިފައިން ހަމަލާދެމުންދިޔައީ ހަމައެކަނި ސިފައިންގޭތެރޭތިބެގެން ކަމަށްވާތީ ޖަލީލް ނިންމީ ދުޝްމަނުންނާ ކުރިމަތިލުމަށް ސިފައިންގެ ތެރެއިން ނުކުތުމަށެވެ.
"އަޅުގަނޑު އަމިއްލައަށް އިސްނަގައިގެން ދުޝްމަނުންގެ ކިބައިން ދިވެހިރައްޔިތުން ހިމާޔަތް ކުރުމަށް ހަނގުރާމަ ކުރަން ނުކުންނަށް ވޮލެންޓިޔާ ކުރިން،" ޖަލީލް ވިދާޅުވި އެވެ.

ޓީމެއް އެކުލަވާލައި ބޭރަށް ނުކުތުމަށް މަސައްކަތް ކުރުމާއެކު ދުޝްމަނުންގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. ނަތީޖާއެއްގެ ގޮތުން މައިގޭޓް ތާށިވެ ވެހިކަލްގައި ނުކުމެވޭގޮތެއްނުވި އެވެ. އެތައް މަސައްކަތަކުން ވެސް ގޭޓުން ނުކުމެވޭގޮތެއްނުވި އެވެ. އެވަރުން ވެސް އެތެރޭގައި ހުރުމުގެ ވިސްނުން ދޫކޮށްލެއްވި އެވެ. ދެން އިހުތިޔާރުކުރީ ފައިމަގުގައި ނުކުތުމަށެވެ.
ހަމަލާއެއްގައި ޒަހަމްވެ ހުރިހާލު ޖަލީލުގެ މޭސްތިރިކަމުގެ ދަށުން ދުޝްމަނުންގެ ބަޑިތައް ކުރިމަތިން ދުވެފައި ނުކުތީ ފުއްކަފަ ދޮންތުއްތު އާއި އަހުމަދު ނަސީމްގެ އިތުރުން އާދަމް ނަސީރު ޝޭޑީ އަދި ހުސެން މަނިކާއި އަބްދުﷲ މުފީދު އާއި އިބްރާހިމް ޝަރީފާއި މުހައްމަދު ހަސަން އެވެ. ހަމައެއާއެކު ހިތްވަރުގަދަ އެ ގުރޫޕުގައި މުހައްމަދު އިބްރާހިމް އާއި މުހައްމަދު އަލީ ހިމެނެ އެވެ.

އެ ހިތްވަރުގަދަ 10 ސިފައިން ފުލުސްއޮފީހުގެ ގޭޓުން ދުޝްމަނުންގެ ކުރިމައްޗަށް ނުކުތެވެ. އެއާއެކު ދުޝްމަނުން ބަޑީގެ ވަޒަންތަކުން ހަމަލާ ދޭންފެށި އެވެ. ދިވެހި ސިފައިން ރައްދުގައި ހަމަލާދޭން ފެށި އެވެ. ދުޝްމަނުންނަށް މަޖުބޫރިވީ ފަހަތައްޖެހުމަށެވެ. އެހަމަލާތަކުގައި ދިވެހި ހިތްވަރުގަދަ ތިން ސިފައިން ޝަހީދުވި އެވެ. އެއީ މުހައްމަދު ހަސަނާއި އާދަމް ނަސީރު ސޭޑީ އާއި މުހައްމަދު އިބްރާހިމް މެކާނޯ އެވެ.
ހަމަލާތައް ދިނުމަށް ފަހު ދުޝްމަނުން އެސަރަހައްދުން ފަހަތަށް ޖެހުމުން އެނބުރި ސިފައިންގެ ތެރެއަށް ވަންއިރު ތިން ސިފައިން ޝަހީދުވެ ދޫކޮށްލަންޖެހުނު އަބްދުﷲ މުފީދު ފިޔަވައި ދެންތިބި ސިފައިން އެތެރެއަށްވަނެވެ. މުފީދުގެ ބަޑި ވެއްޓުމުން އެނބުރި ދާން ނުކެރުނީ އެވެ.
ސިފައިންގެ ތެރެއަށް ވަނުމަށް ފަހު ވެސް ދެންވެސް ޖަލީލުގެ މޭސްތެރިކަމުގެ ދަށުން އެޓީމުން މަސައްކަތް ކުރީ ދުޝްމަނުން ބަލިކުރުމަށެވެ. އެގޮތުން ސިފައިންގެ ހުޅަނގުދެކުނު ކަނުން ގޮއްވާލި ސަރަހައްދު ބައްދައި ދުޝްމަނުން ސިފައިންގެ ތެރެއަށް ވަދެފާނެހެން ހީވާ ސަރަހައްދުތަކުގެ ސެކިއުރިޓީ ރަނގަޅުކުރި އެވެ. ފާރައަށް ސިފައިން ބަހައްޓައި ހަމަލާތައް ދެމުންދިޔަ އެވެ.
ފަތިހުފެށި ހަނގުރާމަ އެދުވަހު އިރުއޮއްސުނުއިރު ވެސް ދިޔައީ ކުރިއަށެވެ. އިރުއޮއްސުމާ އެކު އަޑުއިވިގެންދިޔައީ އިންޑިއާ ސިފައިން އަންނަ ވާހަކަ އެވެ. އެރޭ 9:30 ގައި އިންޑިއާ ސިފައިންގެ ޓީމެއް ވައިގެ މަގުން މާލެއައެވެ. އޭރު އޮތީ ހަނގުރާމަ މެދުކެނޑިފައެވެ.

އިންޑިއާ ސިފައިން ރާއްޖެ އައިއިރުވެސް ހިތްވަރާއެކި އެންމެ ފުރަތަމަ ދުޝްމަނުންނަށް ހަމަލާދިނުމުގެ ތެރެއިން ޝަހީދުވި ހުސެއިން އާދަމް ގޭޓުގެ ވާތްފަރާތުގައި ހަރުދަނޑިވެފައިއޮތެވެ. ޝަހީދު ހުސެއިން އާދަމް އަކީ އެ ހަމަލާގައި ދިވެހި ރާއްޖެ ސަލާމަތްކުރުމަށް ޝަހީދުވެގެންދިޔަ ނަމޫނާ ޝަހުސިއްޔަތެކެވެ. ދުޝްމަނުންނަށް ސިފައިންގެއަށް ވަނުން ހުއްޓުވައި އެހެން ސިފައިން ތައްޔާރުވުމަށް ފުރުސަތު ލިބުނީ ހުސެއިން އާދަމްގެ މަސައްކަތުންނެވެ.
ރާއްޖެ ހިފުމަށް ދުޝްމަނުން ރޭވި ރޭވުން ދިވެހި ސިފައިންގެ މަސައްކަތުނާއި އިންޑިއާ ސިފައިންގެ ތަޖުރިބާގެ އެހީގައި ފެއިލްކޮށްލުމުން ދެން އެމީހުން ވިސްނީ ފިލުމަށެވެ. އެއީ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އެވެ. އެގޮތުން ކުށެއްނެތް ދިވެހީންތަކެއް އެމީހުންގެ ސަލާމަތަށް ރަހީނުކޮށް މާލޭގެ ބަނދަރުގައި އޮތް އެމްވީ ޕްރޮގުރެސް ލައިޓްގައި އެދުވަހު 11:00 ޖަހާކަންހާއިރު ފުރައިގެން ދިޔަ އެވެ.
އިންޑިއާ ސިފައިންގެ ކަނޑުގެ މަނަވަރަކާއި އަސްކަރިއްޔާ މަތިންދާބޯޓަކުން ހިންގި އޮޕަރޭޝަންގައި ނޮވެމްބަރު ފަސް ވަނަ ދުވަހު ވަނީ އެބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުންގެތެރެއިން 12 މީހުން މާލެ ގެނެވުނެވެ. ބައެއް ދިވެހިން ވަނީ ޝަހީދު ކޮށްލާފައެވެ.

އެހަމަލާއަށް މިއަދު 28 އަހަރެވެ. އިބުރަތްތައް ވަރަށްވެސް ގިނައެވެ. ގައުމަށްޓަކައި ގުރުބާންވި އެތައް ބަޔަކު ޝަހީދުވިއިރު އަނެއްބައި ލީޑަރުން އަދިވެސް އެބަތިއްބެވެ. އެދުވަހު އާދަޔާޚިލާފް ހިތްވަރެއްދެއްކި ބަޠަލް މޫސާ އަލީ ޖަލީލުގެ ނަސޭހަތަކީ ދިރިތިބީންނާއި އެމީހުންގެ ހައްގުގައި ހަށިގަނޑާއި ފުރާނަ ގުރުބާންކުރި ޝަހީދުންނާއި ބައިވެރިންގެ ގުރުބާނީތައްވެފައިވާކަން ހަނދާންނައްތާލައިގެންނުވާނެ ކަމަށެވެ. ހަމައެއާއެކު ގައުމަށް ޓަކައި ޝަހީދުވި އަދި ޒަހަމްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް އިލްތިމާސްކުރައްވަ އެވެ.