އަވަށްޓެރި ސްރީ ލަންކާގައި އަންނަ މަހު ބާއްވަން ނިންމާފައިވާ ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑްގެ ޓޭބަލް ވެއާ ބްރޭންޑަކަށް ޖަޕާންގެ "ނޮރިޓާކީ" ހަމަޖައްސައިފިއެވެ.

ދުނިޔޭގެ މަޝްހޫރު އަދި އަގުބޮޑެތި ހޮޓެލްތަކުގައި ބޭނުންކުރަމުންދާ "ނޮރިޓާކީ" އަކީ 1904 ވަނަ އަހަރު އުފެއްދި ޖަޕާނުގެ ޓޭބަލް ވެއާ އުފެއްދުމެކެވެ.

ތަށިތަކުގައި ހުންނަ ހާއްސަ ޑިޒައިންތަކުން ހާއްސަވާ އެ ބްރޭންޑުން ވޭތުވެދިޔަ 112 އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކަށް ފުޅާކޮށް، 1972 ވަނަ އަހަރު ވަނީ ސްރީ ލަންކާގައި ވެސް އެ ހިދުމަތް ދޭން ފަށައިފައެވެ.

ރާއްޖޭގެ ތަޖުރިބާކާރު އަދި މަޝްހޫރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި ހައިރައިޒް އިން އިންތިޒާމްކުރާ މިއަހަރުގެ އެވޯޑްސް ބާއްވާނީ މިމަހުގެ 15 އަދި 16ގައި ދިގު ތާރީހެއް އޮތް، ސްރީ ލަންކާގެ އެންމެ ދުވަސްވީ ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގައެވެ.

ސްރީ ލަންކާ ވިޔަފާރިވެރީންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން ބާއްވާ ސަޓާ އެވޯޑްސް އަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވެފައިވާއިރު، ސަރަހައްދީ އަދި ރާއްޖޭގެ ބޮޑެތި ޖަމިއްޔާތަކުން ވަނީ އެވޯޑްސް އެންޑޯސް ކޮށްފައެވެ.

އެގޮތުން، ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާ އާއި ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ، އިން ބަލައިގެންފައިވާ ސަޓާ އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ބައިވެރިވެ އެވެ.

މީގެ އިތުރުން، އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ)ގެ އިތުރުން، އިންޑިއާގެ ތިން ވަނައަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) ބައިވެރިވެ އެވެ.

އަދި ދާދި ފަހުން، ރާއްޖޭގެ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވެސް ވަނީ ސަޓާ އެވޯޑްސް އެންޑޯސްކޮށްފައެވެ.

މިއަހަރުގެ އެވޯޑްސްއަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންތަކުން ވާދަކުރަމުންދާއިރު، އެވޯޑް ދޭނީ 10 ސެގްމަންޓަކުން 39 އެވޯޑެވެ.