02 Nov 2016, 21:14
މިމަހުގެ 30 ގައި އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ "ވީ ބޭވަފާ"ގެ ޓިކެޓް ވިއްކަން ފެށިތާ ގާތްގަނޑަކަށް ހަ ގަޑިއިރުގެ ތެރޭގައި "ވީ ބޭވަފާ"ގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ އެވެ.
ރާއްޖޭގެ މަޝްހޫރު ކެމެރާމަން އިބްރާހިމް ވިސާން (ކަނޑި)ގެ ފުރަތަމަ ޑައިރެކްޝަން "ވީ ބޭވަފާ"ގެ ޓިކެޓް ވިއްކަން ފަށާފައިވަނީ އިއްޔެ ހެނދުނެވެ.
ސަން ޝައިން ޕްރޮޑަކްޝަން އާއި ކިޑްސް ޕްރޮޑަކްޝަން ގުޅިގެން އުފެއްދި އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ކަނޑިގެ ކޮއްކޮ އަދި ޑައިރެކްޓަރު/ ކެމެރާމަން ހުސެއިން މުނައްވަރު (ކުޑަ ފޫޅު) ބުނީ، ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އެގޮތުން، އެއްވެސް ބުކިން އަކާއި ނަން ނޯޓު ކުރުމަކާ ނުލައި އެ ފިލްމުގެ ޓިކެޓް ވިއްކަން ފެށިތާ ހަ ގަޑިއިރުގެ ތެރޭގައި ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ދެވަނަ ޝޯގެ ވެސް 80 ޕަސެންޓް ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށް މުނައްވަރު ބުންޏެވެ.
މަޝްހޫރު އަދި ތަޖުރިބާކާރު އެތައް ތަރިންނެއް ފެނިގެންދާ، ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އަހުމަދު ޒަރީރު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ "ވީ ބޭވަފާ"ގެ ޖުމްލަ 10 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ފިލްމުގެ ތަރިންގެ ތެރޭގައި ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ވެސް ފަޑުކަމެއް އައިސްފައިނުވާ ފިލްމީ ޖޯޑު، ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދުވެ.
އޭގެ އިތުރުން، ތިން އަހަރަށްފަހު ބެލުންތެރިންނާ ހަމައަށް އަބްދުﷲ މުއާޒް (މުއާ) މި ފިލްމުގައި ފެނިގެންދާއިރު ފާތިމަތު ފަރީލާ (ފަރީ) އާއި ޒީނަތު އައްބާސް ވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.
ފިލްމު، "ވީ ބޭވަފާ"ގެ ފުރަތަމަ ޝޯގެ ޓިކެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ 200 ރުފިޔާ އަށެވެ. އަދި ޖުމްލަ 10 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ފުރަތަމަ ޝޯއަށް ފަހު ދެން އަޅުވާ ހުރިހާ ޝޯއެއްގެ ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށެވެ.