ލޯކަލް ކައުންސިލް އިންތިޚާބުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ބާ ޖަމާލުއްދީނުގައި އިންތިޚާބީ މަރުކަޒެއް ހުޅުވައިފިއެވެ.

އެ މަރުކަޒު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ރީރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ނަތީޖާ ޕްރޮސެސް ކުރުމުގެ މަސައްކަތާއި އިންޓަނޭޝަނަލް އޮބްޒާވަރުންނާއި ރާއްޖޭގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފާސްދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެ މަރުކަޒުގައި ކަމަށެވެ.

އަމްޖަދު ވިދާޅުވީ މިފަހަރު މީޑިއާއަށް ވެސް ޚާއްސަ ރޫމެއް އެތަނުގައި ގާއިމްކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިންތިޚާބުގެ ކަވަރޭޖް ހެދުމަށް މީޑިއާތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"މިފަހަރު އަޅުގަނޑުމެން ގާއިމްކުރި އިންތިޚާބީ މަރުކަޒަކީ ރައްޔިތުންނަށް ވަރަށް ފަސޭހަކޮށް ރީރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ މަރުކަޒެއް. އަދި އިންތިޚާބާ ގުޅިގެން ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް ވަރަށް ފަސޭހަކޮށް ޚިދުމަތް ދެވިގެންދާނެ މަރުކަޒެއް މިއަދު އަޅުގަނޑުމެން މި ހުޅުވީ،" އަމްޖަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އުންމީދު ކުރަނީ ރައްޔިތުންނާއި މީޑިއާގެ އެއްބާރުލުން ލިބި ފްރީ އެންޑް ފެއާ އިންތިޚާބެއް ބޭއްވޭނެ ކަމުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ އެ މަރުކަޒުން އެއްފަހަރާ 13 ކައުންޓަރުން ޚިދުމަތްދޭނެ ކަމަށެވެ.

"ރީރަޖިސްޓްރޭޝަން މަރުހަލާގައި އަޅުގަނޑުމެން މާލޭގައި ދޭ ޚިދުމަތައް ލިބޭނީ ބާޖަމާލުއްދީންގައި ގާއިމްކޮށްފައިމިވާ އިންތިޚާބީ ސެންޓަރުން. އަތޮޅު ތެރޭގައި އިންތިޒާމްކޮށްފައި މިއޮތީ، އަތޮޅުތަކުގައި ތިއްބަވާނެ އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓުން. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އިލެކްޝަންސްގެ ފޯކަލް ޕޮއިންޓެއް ހުންނާނެ. އެ ފޯކަލް ޕޮއިންޓު ރީރަޖިސްޓްރޭޝަންގެ މަރުހަލާގަ ފޯމް ހުށަހެޅުނީމަ އަޅުގަނޑުމެންނާ ހަމައަށް ފޮނުވާނީ،" އަހުމަދު އަލީ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ބާ ޖަމާލުއްދީނުގައި އިންތިޚާބީ މަރުކަޒެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ، ރީރަޖިސްޓްރޭޝަންގެ ފޯމްތަކާއި އޮބްޒާވަރުންނާއި މޮނިޓަރުން ފޯމް ހުށަހެޅުމުން ވަގުތުން ސްލިޕެއް ނުލިބޭނެ ކަމަށާއި އެ ފޯމްތައް ޕްރޮސެސްކޮށް ނިމުމުން އެސްއެމްއެސް އަކުން އެކަން އެނގިގެންދާނެ ކަމަށެވެ.

"އެހެންނަމަވެސް އެ ފޯމް ބަލައިގަތުމަށްފަހު ފޯމް ޕްރޮސެސް ކުރުމަށްފަހު އެބޭފުޅަކަށް ޖަވާބު ބަލައި ވަޑައިނުގެންނެވުނު ކަމުގައި ވިޔަސް، ފޯމް ޕްރޮސެސްކޮށް ނިމޭ ހިސާބުން އެސްއެމްއެސްއަކުން ލިބިވަޑައިގަންނަވާނެ އެބޭފުޅާ ބޭނުންވިގޮތަށް ވޯޓުލާން އެހެން ދިމާލަކަށް ބަދަލުކުރެވިއްޖެކަން،" އަހުމަދު އަލީ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ބާ ޖަމާލުއްދީނުގައި އިންތިޚާބީ މަރުކަޒެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދު ހުޅުވި އިންތިޚާބާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާނެގޮތް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނޫސްވެރިންނަަށް ދައްކާލައިފައެވެ.