ރ. ވާދޫ އުތުރުކޮޅު ތުނޑީ ސަރަހައްދުން ތިން ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މަސައްކަތް ފެށުމަށް ވާދޫ ކައުންސިލާއި ފާލަންހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

ރޭ ވާދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ފާލަން ހޯލްޑިންގްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޙަސަން ޢަބްދުﷲ ސައީދު އެވެ. ވާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހުސައިން އަލީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށް ކަމަށެވެ. އަދި ޖުމްލަ އަށް މިލިއަން ޑޮލަރު އެތަނަށް އިންވެސްޓް ކުރާނެކަމަށާއި އެތަނުގައި 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށް ވިދާޅުވި އެވެ.

ވާދޫ ސްކޫލްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ވާދޫ ކައުންސިލް

އެ ޕްރޮޖެކްޓް 24 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގެސްޓްހައުސްތަކުން އާންމު ގެސްޓްހައުސްތަކަށްވުރެ ފުޅާކޮށް ޚިދުމަތްލިބޭނެކަމަށާއި އޭގެ ތެރޭގައި ޑައިވިން ސެންޓަރާއި ވޯޓާސްޕޯޓްސްއާއި ޖިމާއި އިންޑޯ ކުޅިވަރުތައް ގާއިމް ކުރާނެ ކަމަށް ވެސް އޭނާވިދާޅުވި އެވެ.

ހަމައެހެންމެ ރެސްޓޯރަންޓާއި ފުޑް އެންޑް ބެވެރެޖްގެ ޚިދުމަތްފަދަ ހިދުމަތްތައް އެތަނުން ލިބޭނެކަމުގައި ކަމަށް ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ވާދޫގެ އަމިއްލަ އުފެއްދުންތައް ވިއްކޭނެފަދަ ވަސީލަތްތައް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ތެރެއިން ވަރަށް ގިނަ ވަޒީފާ އުފެދިގެންދާއިރު، ވާދޫގެ ރައްޔިތުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށާއި، ރ. އަލިފުށި، ރ. ރަސްގެތީމް އަދި ރ. އަނގޮޅެތީމްގެ ރައްޔިތުންނަށްވެސް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވާދޫ ސްކޫލްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ވާދޫ ކައުންސިލް

ވާދޫ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި އެ މަޝްރޫއުގެ ދަށުން ވާދޫގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ވާދޫ ރައްޔިތުންނަށް ފަހިވެގެންދާއިރު ވާދޫގެ އެކިއެކި ސިނާއަތްތައް ތަރައްގީވެ، ވިޔަފާރި ކުރިއަރައި، ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ރަނގަޅުވެގެން އަންނާނެ ކަމުގައި ވިދާޅުވި އެވެ.