މިފަހަރުގެ އުރީދޫ ދިވެހި ޕްރިމިއަ ލީގު ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އަލީ ސުޒޭން، ލީގުގެ ދެވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް ތައުރީފުކޮށްފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުޒޭން ބުނީ، މިދިޔަ ސީޒަނާއި މިއަހަރުގެ ސީޒަނުގައި ޓީސީގެ ކޯޗު ކަމުގައި ހުރެ ނިޒާމްބެ ހޯދާފައިވަނީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ކާމިޔާބީގެ ސަބަބުން ނިޒާމްބެއަށް ސެލިއުޓް ކުރާ ކަމަށެވެ.

"ޓީސީގައި ތިބި ކުޅުންތެރިންނާ އެކު ވޭތުވެދިޔަ ދެ އަހަރު ލީގުގެ ދެވަނަ ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ނަމަވެސް އޭނާ (ނިޒާމްބް) ވަނީ އެކަން ކޮށްފައި،" ސުޒޭން ފޭސްބުކްގައި ބުނެފައިވެއެވެ.

ސުޒޭނަށް ޝުކުރު އަދާކޮށް ނިޒާމްބެ ބުނީ ދިވެހި ފުޓްބޯޅައިގެ، އޭނާ އެންމެ އުފާވި ދުވަހަކީ މިއަދު ކަމަށާއި އިނދިކޮޅު ބެންޗުގައި ހުރެ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު އެފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި އޭނާގެ މަސަތްކަތް ގަބޫލް ކުރުމުން ކުޅިވަރުގައި މަސަތްކަތްތަކެއް ކުރެވިއްޖެ ކަމަށް ގަބޫލު ކުރެވިއްޖެ ކަމަށެވެ.

މިއަހަރުގެ ދިވެހި ލީގު ނިމިފައިވާއިރު ލީގު ޗެމްޕިއަންކަން ނަގާފައިވަނީ، ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކަކާ އެކު ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅުނު މާޒިޔާއެވެ. އަދި ނިޒާމްބެ އިރުޝާދުގެ ދަށުން ނިކުތް ޓީސީ ވަނީ ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު މިއަހަރު ވެސް ލީގުގެ ދެވަނަ މަގާމް ހޯދާފައެވެ.