ރާއްޖެއަކީ އިސްލާމީ އަގީދާ ވަރަށް ވަރުގަދަ އަދި އެހާމެ ދިގު، މުއްސަނދި އިސްލާމީ ތާރީހެއް އޮތް ގައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ގްރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނަތީޖާ ފާޅުކޮށް، އިނާމު ދިނުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގައި އޮތް ދީނީ ހޭލުންތެރިކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް، އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށް ރާއްޖޭގައި އުފެދުނު ދީނީ އިލްމުވެރިންނާއި ދަންނަ ބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ތާރީހުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވައި ދިވެހިންނަކީ ބުނާ އެއްޗަކުން ނުވަތަ ކުރާ ކަމަކުން އެމީހުންގެ އަގީދާ ގުޑާފަދަ ބައެއް ނޫން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

" ރާއްޖޭގެ އެކަހެރި ރަށެއްގައި އަބުލް ބަރަކާތުލް ބަރުބަރީ ގުރުއާން ކިޔެވި ދުވަސްވަރުން ފެށިގެން މިރާއްޖޭގައި އައީ ކީރިތި ގުރުއާން ރައްކާކުރެވެމުން، ގުރުއާނުގެ އަޑު އަޅުގަނޑުމެންގެ ދިވެހިންގެ ކަންފަތްތަކަށް އިވެމުން، އަދި ކީރިތި ރަސޫލާގެ ސިޔަރަތާއި ރަސޫލާގެ ސުންނަތާ އިސްލާމްދީންގެ އުސޫލުތައް ރާއްޖޭގައި އައި ބިންވަޅު ނެގި ލިޔެވެމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ލޯމާފާނަށް ފަހު ރާދަވަޅިތައް ލިޔެވެން ފެށިއްސުރެ ފަށައިގެން ދިވެހިންގެ މެދުގައި އިސްލާމީ އުސޫލުތައް އަށަގެންނެވުމަށާއި އޮޅުން ފިލުވައިދިނުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދަންނަ ބޭކަލުން ހަރަކާތްތެރިވަމުން ދިޔަ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ނޫރު ފޯރާފައި ވަނީ ކަނޑީގެ ހަނގުރާމައަކުން ކަމަކަށް ތާރީހުން ފެންނަން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

" އަޅުގަނޑުމެންނަށް ފެންނާން އޮތީ ސޫފީ ދަންނަ ބޭކަލުންގެ އިލްމީ މަސައްކަތުން ރާއްޖޭގެ އެތައް ބަޔަކަށް އިސްލާމްދީނުގެ އުސޫލުތައް އެނގެމުން އައިސް، އެންމެފަހުން އަޅުގަނޑުމެން ދުށީ ކޮއިމަލާކަލޯ އިސްލާމްދީނަށް ބަދަލުވެ މިރާއްޖޭގެ ފުރަތަމަ އިސްލާމީ ރަސްކަލަކަށް އެ ރަނދުން ވެވަޑައިގެންނެވި ތަން، އެއަށްފަހު ދުއް އެންމެ ބޮޑު ދަންނަ ބޭކަލަކީ ސައިހް މުހައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަ ކަލޭގެ ފާނު، އެކަލޭގެފާނަކީ ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެ ވެއްޓި، ހިލާލީ ދަރިކޮޅުގެ ރަސްކަން ނިމުމުން އަރަބި ކަރައަށް ހަޒަރުމައުތުގައި އުޅުއްވުމަށްފަހު ބޮޑުތަކުރުފާނު އަލުން މިރާއްޖެ ހިއްޕެވީމައި އަނެއްކާވެސް އިސްލާމީ އުސޫލުތައް ދިވެހިންނަށް ދަސްކޮށްދިނުމަށްޓަކައި ވަޑައިގެންނެވި ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.