ކުއަލަލަމްޕޫރު(ނޮވެމްބަރު 2): މެލޭޝިއާ އާއި ޗައިނާގެ މެދުގައި އޮތް އަސްކަރީ ގުޅުންތައް ރަނގަޅު ކުރުމުގެ ގޮތުން މެލޭޝިއާއިން ޗައިނާގެ ހަތަރު ނޭވީ ބޯޓު ގަންނަން އެއްބަސްވެފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ނަޖީބު އެފަދައިން ވިދާޅުވެފައި ވަނީ ޗައިނާއަށް ކުރައްވަމުން ގެންދަވާ ފަސް ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާގެ ބޮޑުވަޒީރު ލީ ކީޗިއަންގްއާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

"ދެގައުމުގެ މެދުގައި ފުރަތަމަ ފަހަރަށް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ދިފާއީ އެއްބަސްވުމެއް ހަދާފަ. ދެބޯޓު ބިނާ ކުރާނީ ޗައިނާގެ އަނެއް ދެބޯޓު ބިނާ ކުރާނީ މެލޭޝިއާގައި،" ޗައިނާގެ ޑެއިލީ ނިއުސްޕޭޕާއަށް ދެއްވި އިންޓަވިއުއެއްގައި ނަޖީބު ވިދާޅުވި އެވެ.

މެލޭޝިއާއިން އެ އެއްބަސްވުން ހަދާފައި ވަނީ އެގައުމުގެ ޑިފެންސް ބަޖެޓު 13 ޕަސެންޓަށް ކުޑަ ކުރާނެ ކަމަށް ބުނެފައި ވަނިކޮށެވެ. އެ އެއްބަސްވުމުގެ އަގު ދެގައުމުން ވެސް ހާމަ ކޮށްފައި ނުވެ އެވެ.

މީގެ އިތުރުން އެބައްދަލުވުމުގައި ދެ ގައުމުގެ ބޮޑުވަޒީރުން ވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލު ކުރަން އެއްބަސްވެފައި ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރުގެ ނައިބު ލިއު ޒެންމިން ވިދާޅުވި އެވެ.

މެލޭޝިއާއިން އެ އެއްބަސްވުން ހަދާފައި ވަނީ އެގައުމުގެ އިންވެސްޓްމެންޓު ފަންޑު، 1އެމްޑީބީގެ ހިޔާނާތުގެ މައްސަލައާ ބޮޑުވަޒީރު ނަޖީބުއާ ގުޅުން ހުރި ކަމަށް އެމެރިކާއިން ބުނުމުގެ ސަބަބުން އެމެރިކާ އާއި މެލޭޝިއާގެ ލީޑާޝިޕާ އޮތް ގުޅުމަށް އަސަރުކޮށްފައި ވަނިކޮށެވެ. އަދި ދެކުނު ޗައިނާ ކަނޑުގެ މިލްކިއްޔާތުގެ މައްސަލައިގައި ޗައިނާއިން އަމަލު ކުރާ ގޮތަށް އެމެރިކާއިން ފާޑު ކިޔުމާ ގުޅިގެން އެދެ ގައުމުގެ ގުޅުމަށް ވެސް އަސަރުކޮށްފައި ވަނިކޮށެވެ. (ރޮއިޓާސް)