ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް އެދޭ ފަރާތްތަކުން، ރީރަޖިސްޓްރީކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ މިއަދު ވިދާޅުވީ އަންނަ އަދީއްތަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަންނާނީ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް ކަމަށެވެ.

ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 3:00 އިން ފެށިގެން ހަވީރު 5:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހޮނިހިރު ދުވަހު ފޯމު ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް މާލެއިން ބަލައިގަންނާނީ ބާޖަމާލުއްދީނުގައި މިއަދު ހުޅުވި އިންތިޚާބާ ބެހޭ މަޒުކަޒުންނެވެ.