މޮސްކޯ(ނޮވެމްބަރު 2): ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަހިނގަމުންދާ ހަލަބްގައި ފައިހަރުކޮށްލައިގެންތިބި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް، އަންނަ ހުކުރުދުވަހުގެ ހަވީރުގެ ކުރިން އެރަށް ދޫކޮށްދިޔުމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.

ސޫރިޔާ ސަރުކާރުގެ އެދުމުގެ މަތިން އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެންފައިވާ ރަޝިޔާއިން ބުނީ، ހަލަބްގައި ފައިހަރުކޮށްގެންތިބި އެގައުމުގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް އަންނަ ހުކުރުދުވަހުގެ ހަވީރުގެ ކުރިން އެރަށުން ނުފައިބައިފިނަމަ އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގައެވެ. އަދި މިއަށްފަހު އެޖަމާއަތްތައް ބަލިކުރެވެންދެން ނޫނީ އެމީހުން ހަލަބުން ބޭރުވަންދެން ހުއްޓުމެއްނެތި ހަމަލާތައް ކުރިޔަށްގެންދާނެކަމަށްވެސް ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

ރަޝިޔާ ބުނާގޮތުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަލަބުން ފޭބުމުގެ ފުރްސަތު ދިނުމުގެ ގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުންފެށިގެން ވަނީ ހަމަލާތައް ހުއްޓާލާފައެވެ. އަދި އަންނަ ހުކުރުދުވަހުގެ ހަވީރަށްފަހު ހަމަލާތައް އަލުން ފަށާނެކަމަށްވެސް އެބަޔާން ބުނެއެވެ.

އަނެއްކޮޅުން ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވަނީ ހަލަބް ގައި ފައިހަރުކޮށްލައިގެންތިބި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. ދިމިޝްގުގައި ދެއްވި ބަޔާނެއްގައި މުއައްލިމް ވިދާޅުވީ، ޙަލަބްގައި ތިބި ހަނގުރާމަވެރިންނަށްއޮތީ ތިންގޮތް ކަމަށާއި އެއީ ހަލަބް ދޫކޮށްދިޔުމާއި އަމާންދިނުމާ އަދި ހަނގުރާއިގެ ހަމަލާތަކުގައި މަރުވެ ފަނާވެގެންދިޔުން ކަމުގައެވެ. އަދި ސޫރިޔާގެ މުޅި ހަނގުރާމައަކީވެސް ގަދަބާރުން ސަރުކާރު ވައްޓާލުމަށްޓަކައި ބޭރުގެ އެހީގައި އިދިކޮޅު ޖަމާއަތްތަކުންކުރަމުން ގެންދާ ހަނގުރާމަ ކަމަށާއި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަކީ ޓެރަރިސްޓުން ކަމަށްވެސް ސޫރިޔާގެ ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ.

ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައްވަނީ ހަލަބުން އަމާންކަމާއެކު ނުކުތުމަށް ރަޝިޔާއިންނާއި ސޫރިޔާ ސަރުކާރުން އެމީހުންނަށް ދިން ފުރްސަތުގެ ބޭނުންކުރުމަށް ދެކޮޅު ހަދާފައެވެ. އަދި ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުން، ނޫނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ބަދަލުގައި އެހެން ސަރުކާރެއް އުފެއްދުން މިދެގޮތް ނޫންއެހެން ގޮތެއް ގަބޫލު ނުކުރާނެކަމަށްވެސް އިދިކޮޅު ޖަމާއަތްތަކުން ބުނެއެވެ.

ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރާއި ތަމްރީން ދެނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކާ އަދި ސައޫދީ އަރަބިޔާއާއި ގަތަރުންނެވެ. އަދި ސޫރިޔާގައި ފިތުނަ އުފައްދައި ސަރުކާރު ވައްޓާލުމަށްޓަކައި ހަތިޔާރުގައި ހިފުމަށް އިދިކޮޅު ޖަމާއަތްތަކަށް ހިތްވަރު ދީ ފިތުނަ އުފެއްދިކަމުގެ ތުހުމަތު ސޫރިޔާ ސަރުކާރުން ކުރަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ އިތުރުން ގަތަރުގެ މައްޗަށެވެ.

މިޖަމާއަތްތަކާއި ސޫރިޔާ ސަރުކާރާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ސޫރިޔާގެ ހަތަރު ލައްކައެއްހާ މީހުން މަރުވެދެމިލިޔަނެއްހާ މީހުން ޒަޚަމްވެ 10 ވަރަކަށް މިލިޔަން މީހުން ހާލުގައިޖެހިފައިވެއެވެ. މީގެއިތުރުން ސޫރިޔާގެ ގިނަ ސިޓީތަކާއި ވިލެޖްތަކާއި އަވަށްތައްވެސް ވަނީ މުޅިން ހަލާކުވެ ވީރާނާ ވެފައެވެ. (ނޫސްއެޖެންސީތައް)