އެޕާޓްމަންޓް ކުއްޔަށް ދޭނެކަމަށްބުނެ، މ. ގްރީންޕީކް އަލީ ނަސީމު މަކަރާ ހީލަތުން ފައިސާ އަތުލާފައިވާ ފަރާތްތަކުން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް އަންގައިފިވެ.

ފުލުހުން މިއަދު ބުނީ ނަސީމުއާ އެފަދަ މުއާމަލާތެއްކޮށް ފައިސާ ދައްކާފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތު ހިއްސާކޮށް މައްސަލަ ހުށަހެޅުމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ނަސީމްގެ މައްޗަށް ތުހުމަތު ކުރެވެނީ މާލެއިން ގެ ކުއްޔަށް ދޭނެކަމަށް ބުނެ އެޑްވާންސްގެ ގޮތުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ފިލާ މައްސަލައެވެ.

މަކަރާ ހީލަތުން ފައިސާ އަތުލުމަކީ ވަރަށް އާންމުކަމެކެވެ. އެގޮތުން ޑޮލަރު ވިއްކާކަމަށާއި ގެ ކުއްޔަށްދޭނެ ކަމަށްބުނެ މަކަރާއި ހީލަތް ހަދާ މީހުން ގިނައެވެ.