ޗައިނާގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވެލް ޓްރޭޑް ފެއާ ކަަމަށްވާ ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓުގައި ރާއްޖޭގެ 23 ކުންފުންޏަކުން ބައިވެރިވާން ނިންމައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މިއަދު ބުނި ގޮތުގައި އެ ފެއާގައި ދިވެހި 23 ކުންފުންޏަކުން 51 ފަރާތެއް ބައިވެރިވާނެ އެވެ. އަދި އެ ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރީންގެ މާކެޓު އިތުރު ކުރުން ކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ފެއާ އާ ގުޅޭ ގޮތުން މިއަދު އެމްއެމްޕީއާރުސީ އޮފީހުގައި ވަނީ، ފެއާގައި ބައިވެރިވާ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދު ވަނީ ބައިވެރީންނަށް ފެއާ އާ ގުޅޭގޮތުންް ލިބިފައި ހުރި އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށްޓަކައި ރާވަމުންދާ ރޭވުންތަކާ ބެހޭގޮތުންވެސް އެފަރާތްތަކަށް މައުލޫމާތު ދީފައިވެއެވެ.

މި ބައްދަލުވުމުގައި ހާރިސްގެ އިތުރުން ޓޫރިޒަމް މިނިސްޓަރުގެ ނައިބު، ޝަޒާއިލް ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝަންހާއިގައެވެ.

ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓަކީ ކޮންމެ އަހަރަކު ޗައިނާގައި ބާއްވާ ފެއާ އެކެވެ. މި ފެއާ އާންމުކޮށް ބާއްވަނީ އެގައުމުގެ ކުންމިންގައާއި ޝަންހާއިގައެވެ.

ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ބޮޑު ރޯލެއް އަދާ ކުރާ ގައުމެކެވެ. ރާއްޖޭން އަަންނަނީ އެގައުމުން އަންނަ ފަތުރުވެރީންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފެއާގައި ބައިވެރިވެ، ރާއްޖެ އިތުރަށް ޕްރޮމޯޓު ކުރުމަކީވެސް ޗައިނާގެ މާކެޓު އިތުރުކުރުމަށް ރާއްޖޭން ކުރާ މުހިއްމު ކަމެކެވެ.