02 Nov 2016, 14:28
ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ސީ ހައުސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް 50 އަހަރަށް ދޫކޮށްފައިވާ މާލެ އަތޮޅު ފަޅެއް އަނބުރާ އެމްއެމްޕީއާރްސީން އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އެފަޅާ ގުޅޭ ގޮތުން އެމްއެމްޕީއާރްސީން ފޮނުވި އޮޕާލެޓާގައިވާ ގޮތުގެމަތިން އެކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ އެއް މިލިއަން ޑޮލަރު މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ދައްކާފައިވާކަން އެމްއެމްޕީއާރްސީގެ ޕޭމަންޓް ރިސިޕްޓުން އެނގެން އޮންނަ ކަމަށެވެ.
އެ ފައިސާ ދެއްކުމުން ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރްސީ އަށް ލިބިގެންވާ ހުރިހާ ހައްގުތައް ހަމަ އެ ތާރީޚުގައި ސީ ހައުސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައިވާކަން އެނގެން އޮންނަ ކަމަށް އެ ހުކުމްގައިވެ އެވެ.
އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ދައުލަތަށް ލިބިފައިނުވާ ކަމަށް ދައުލަތުގެ ފަރާތުން ބުނި ނަމަވެސް، ދައުލަތުގެ އިދާރާއަކަށް ފައިސާ ދެއްކި ކަމުގެ ރަސްމީ ލިޔުމެއް އެ އިދާރާ އިން ދޫކުރުމުން އެ ފައިސާގެ މައްޗަށް އެމީހެއްގެ އޮތް ޒިންމާ ކެނޑި ފައިސާ ބަލައިގަތް މުވައްޒަފުގެ ބޮލުގައި އެ ޒިންމާ އެޅިފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އެހެންކަމުން ސީ ހައުސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ސިވިލް ކޯޓުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަންގައި އަމުރުކޮށްފަ އެވެ.