02 Nov 2016, 14:24
ކެންބެރާ (ނޮވެމްބަރު 2): ދެހާސްސާދަ ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއާލައިންސް ފްލައިޓް 370 ގަސްތުގައި ކަނޑަށް ޖެއްސި ކަމަށް ބުނާ ބުނުންތައް އޮސްޓްރޭލިއާއިން ދޮގުކޮށްފި އެވެ.
މެލޭޝިއާ އިން ޗައިނާ އަށް ދަތުރު ކުރަނިކޮށް ގެއްލުނު އެމްއެޗް370ގެ ފިޔަގަނޑުން ފެނިފައިވާ ބައިތަކުން ދޭހަ ވަނީ ބޯޓު ވެއްޓުނު އިރު ބޯޓު އޮތީ ކޮންމެވެސް މީހެއްގެ ކޮންޓުރޯލުގެ ދަށުގައި ކަން ކަމަށް ކަމާ ބެހޭ މާހިރަކު ބުނެފައި ވަނީ މިދިޔަ އޮގަސްޓު މަހުގަ އެވެ.
ނަމަވެސް އެމްއެޗް370 ގެއްލުނު ހާދިސާ ތަހުގީގު ކުރަމުންދާ އޮސްޓްރޭލިއަން ޓްރާންސްޕޯޓު ސޭފްޓީ ބިއުރޯ (އޭޓީއެސްބީ)ން ބުނި ގޮތުގައި ބޯޓު ކަނޑުގައި ޖެހުނު އިރު އޭތި ދިޔައީ ކަނޑުގައި ޖައްސަން ތައްޔާރުވަމުން ކަމަށް ދޭހަ ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭގެ ބަދަލުގައި ބޯޓުގެ ފިޔަގަނޑު ހުރީ އޭތި ބާރު ސްޕީޑުގައި ދާ އިރު ހުންނަ ގޮތަށް ކަމަށް ބުނެފަ އެވެ.
އޭޓީއެސްބީން އެރިޕޯޓު އެކުލަވާލާފައި ވަނީ ސެޓެލައިޓު ޑޭޓާ އާއި ފްލައިޓް ސިމިއުލޭޝަންތަކާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ފެނިފައިވާ އެމްއެޗް370 20 ވަރަކަށް ބައިތައް ބޭނުން ކޮށްގެންނެވެ.
އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރަމުންދާ މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާ އިން ވަނީ މި އަހަރު ނިމެންވާ އިރަށް ބޯޓުގެ ގެއްލުމާ ބެހޭ ގޮތުން އިތުބާރު ހިފޭ މައުލޫމާތު ނުލިބިއްޖެ ނަމަ ފްލައިޓު ހޯދުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)