ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަލީލް ކްރިމިނަލް ކޯޓަށް ހާޒިރު ނުވެގެން ފުލުހުން މެދުވެރިކޮށް އޭނާ މާލެ ގެނެސްފި އެވެ.

އެ އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ޖަލީލު މިއަދު ވިދާޅުވީ ހަލީލު ފުލުހުންގެ ބެލުމުގެ ދަށުން މާލެ ފޮނުވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުން މެދުވެކޮށް އޭނާ މާލެ ފޮނުވަން ޖެހުނީ ކްރިމިނަލް ކޯޓަހަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހާޒިރު ނުވެގެން ކަމަށާއި އެ މައުލޫމާތުތައް ފުލުހުން ވެސް އަދި ކްރިމިނަލް ކޯޓުން ވެސް ކައުންސިލް އިދާރާއާ ހިއްސާކޮށްފައި ނުވާ ކަމަށް ޖަލީލު ވިދާޅުވި އެވެ.

އެމްޑީޕީ ޓިކެޓްގައި ނިލަންދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑިއަށް ހޮވުނު ހަލީލު ކްރިމިނަލް ކޯޓްގެ ޝަރީއަތަށް ގެނައީ ބައުންސް ޗެކެއްގެ މައްސަލާގަ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަލީލު ކައުންސިލަރު ކަމަށް ކުރިމަތިލުމުގެ ކުރިން ވެސް އޭނާގެ މައްޗަށް ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިކުރުމުން، ކޯޓުން ބޭރުގައި އެ މައްސަލަތައް ވަނީ ހައްލުކޮށްފަ އެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ފައިސާގެ އެހީތެރިކަން ދެއްވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށް ވެސް އެނގިފައިވެ އެވެ.