02 Nov 2016, 14:30
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް"ގައި ރާއްޖެގެ އިސްލާމީ ޔުނިވާސިޓީން ބައިވެރިވެ، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިސްލާމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "މުވައްޒަފުންގެ ސްކީމް"ގައި އެ ޔުނިވާސިޓީން ބައިވެރިވި ކަމުގެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސެވެ.
އިސްލާމީ ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަލީ ރަޝީދެވެ.
މުވައްޒަފުންގެ ސްކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާއަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސްކީމެކެވެ. އަދި ސްކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން ވިދާޅުވީ، ރާއްޖޭގައި ހުރި ހަމައެކަނި ދެ ޔުނިވާސިޓީން ވެސް މުވައްޒަފުންގެ ސްކީމުގައި ބައިވެރިވެފައިވުމަކީ އެ ކުންފުންޏަށް ވަރަށް ހާއްސަ ކަމެއް ކަމަށެވެ.
ވަކިން ހާއްސަކޮށް ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އިސްލާމީ ޔުނިވާސިޓީގެ އެ ސްކީމުގައި ބައިވެރިވުމުން ހާއްސަވާ ކަމަށް ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ހައްޖު ކޯޕަރޭޝަނާއި އިސްލާމީ ޔުނިވާސިޓީއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށްދާ ހައްޖާޖީންނަށާއި އެ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އިސްލާމީ ޔުނިވާސިޓީން ތަމްރީން ދިނުމަށް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޖު ކޯޕަރޭޝަނުން ފެށި "މުވައްޒަފުންގެ ސްކީމު"ގައި މިހާތަނަށް 35 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.