02 Nov 2016, 14:24
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ރޮސްޓޯވްއާ ދެކޮޅަށް ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް ގޯސްތަކެއް ހެދުނު ކަމަށް އޭނާ އެއްބަސްވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ރޮސްޓޯވް އަތުން މޮޅުވެ، އެތުލެޓިކޯ އިން ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެ މެޗުން އެތުލެޓިކޯ މޮޅުވެފައި ވަނީ 2-1 ލަނޑުންނެވެ.
އެ މެޗުގެ 28 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ލީޑު ހޯދައިދިން ނަމަވެސް، ގިނައިރުތަކެއް ނުވަނީސް ސާޑާ އަޒްމޯން ވަނީ ލަނޑެއް ޖަހައި ރޮސްޓޯވް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެތުލެޓިކޯ އަށް ތިން ޕޮއިންޓް ކަށަވަރުވީ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
"ކޯޗެއްގެ ގޮތުގައި އަހަރެންނަށް ގޯސް ނިންމުންތަކެއް ނިންމުނު. އަހަރެންނަށް ވެސް ބައެއް ފަހަރު ގޯސްތައް ހެދޭ. އަދި އެކަމާމެދު އަހަރެން ހިތާމަކުރަން. އެކަމަކު މެޗުގައި ކުޅުންތެރިން ވަނީ އެކަމަށް ހައްލެއް ހޯދައިދީފަ،" މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ބުންޏެވެ.
ރޭގެ މެޗަށް އެތުލެޓިކޯ ކުރިމަތިލީ އިރު، އެންމެ ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެތުލެޓިކޯ އަށް ރޭގެ މެޗުގައި އެކަމަށް ނިމުމެއް ގެނެސްދީފައި ވަނީ ގްރީޒްމަން އެވެ.