02 Nov 2016, 13:55
ރާއްޖެއަށް ކެމިކަލް އެތެރެކުރަން ހުއްދައަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ޕްރޮސެސް ކުރުން އޮޓޮމޭޓް ކުރުމަށް ސޮފްޓްވެއާއެއް ތައާރަފްކޮށްފި އެެވެ.
މިއަދު ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން "މަކުޑި"ގެ ނަމުގައި ތައްޔާރު ކުރި ސޮފްޓްވެއާ އިފްތިތާހް ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އެ ސޮފްޓްވެއާ އިފްތިތާހް ކޮށްދެއްވުމަށް ފަހު ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ސޮފްޓްވެއާގެ ސަބަބުން ރައީސް ޔާމީންގެ ހިންގުމުގެ ސިޔާސަތުގައި ބުނާ ގޮތަށް މަދު ވަސީލަތްތައް ބޭނުންކޮށްގެން އަވަސް ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ.
އެ ސޮފްޓްވެއާ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންސީއައިޓީ ހިންގުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ ކެމިކަލް އެތެރެ ކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭން ނަގާ ވަގުތު ކުޑަކުރެވި، ކެމިކަލް އެތެރެ ކުރަން ބޭނުންވާ ހުއްދަ ހޯދުމަށް އެއް އިދާރާއަކަށް ވުރެ ގިނަ އިދާރާތަކަށް ދާންޖެހޭ ދިއުން ނިމުމަކަށް އަންނާނެ ކަމަށެވެ.
"މަކުޑި" ސޮފްޓްވެއާ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި އަޝްމަލީ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ހުއްދައަށް އެދޭ ފަރާތްތަކުން މިނިސްޓްރީގައި އެދިވަޑައިގަތުމުން ކަމާގުޅޭ އެހެން އިދާރާތަކަށް ވެސް އެ މައުލޫމާތު ފަސޭހަކަމާ އެކު ހިއްސާ ކުރެވޭނެ ގޮތް ފަރުމާ ކުރެވިފައިވާ މި ސިސްޓަމުގެ ސަބަބުން ރައްޔިތުން އެދޭ ފަދަ ވަން ސްޓޮޕް ކައުންޓާ ނުވަތަ އެއް ކައުންޓަރަކުން ހިދުމަތް ދިނުމަށް މަގުފަހިވެގެން ދާނެ،" އަޝްމަލީ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، އެ ސޮފްޓްވެއާ ބޭނުން ކުރަން ފެށުމުން ރާއްޖެ އަށް އާއްމުކޮށް އެތެރެކުރާ ކެމިކަލްތަކުގެ ޑޭޓާބޭސްއެއް ގާއިމް ކުރާނެ ކަމަށެވެ. އަދި އެ ޑޭޓާބޭސް އިން ކެމިކަލް އެތެރެކޮށް ގުދަން ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ކެމިކަލްގެ ރައްކާތެރިކަމާ ބެހޭ ގިނަ މައުލޫމާތުތަކެއް އާއްމުންނަށް ލިބޭނެ ކަމަށެވެ.
ރާއްޖޭއަށް ކެމިކަލް އެތެރެ ކުރުމަށް ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން ޖެހޭ އިރު، މި އަހަރުގެ މިހާތަނަށް 1085 ފަރާތަކަށް ހުއްދަ ދޫކުރެވިފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.