ބޯޕާލް (ނޮވެމްބަރު 2): މިިދިޔަ ހޯމަ ދުވަހު އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ޖަލަކުން ފިލި ގައިދީން ކަމަށް ބުނެ، ފުލުހުން މަރާލި އަށް ގައިދީން މަރާ ބެހޭ ގޮތުން ސުވާލުތަކެއް އުފެދިއްޖެ އެވެ.

އިންޑިއާގެ ބޯޕާލް ސިޓީގައި ހުންނަ ސަލާމަތީ ކަންތައްތައް ވަރުގަދަ ޖަލަކުން، އެ ގައުމުގައި މަނާކޮށްފައިވާ ސްޓޫޑެންޓްސް އިސްލާމިކް މޫވްމެންޓް އޮފް އިންޑިއާއަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ އަށް ގައިދީން ފިލި ކަމަށް އެސިޓީގެ ފުލުހުން ބުނީ ހޯމަ ދުވަހުގެ ހެނދުނެވެ. ފުލުހުން ބުނި ގޮތުގައި އެމީހުން ފިލާފައި ވަނީ ޖަލުގެ ސެކިއުރިޓީ ގާޑުގެ ކަރު ބުރި ކޮށްގެން އޭނާ މަރާލުމަށް ފަހު، ބެޓްޝީޓް ބޭނުން ކޮށްގެން ޖަލުގެ ފާރުން ފައިބައިގެންނެވެ.

އަދި އޭގެ މާގިނަ އިރުތަކެއް ނުވެ ފުލުހުންނާއި އެއަށް ގައިދީންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އެގައިދީން މަރާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން މަރާލި ގައިދީންގެ ވަކީލާއި އިންޑިއާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ގައިދީން ޖަލުން ފިލި ގޮތާ ބެހޭ ގޮތުންނާއި، ފުލުހުން ގައިދީން މަރާލަން ޖެހުނު ސަބަބާ ބެހޭ ގޮތުން ސުވާލު އުފައްދާފަ އެވެ.

ފުލުހުން ފުރަތަަމަ ބުނި ގޮތުގައި ގައިދީން އަތުގައި ހަތިޔާރެއް ނެތް -- ފޮޓޯ: އީޕީއޭ

އެގޮތުން ފުލުހުން އެންމެ ފުރަތަމަ ބުނި ގޮތުގައި ފުލުހުންނާ ގައިދީންނާ ކުރިމަތިލުން ހިނގި ވަގުތު ގައިދީން އަތުގައި ހަތިޔާރެއް ނެތެވެ. އަދި އެމީހުން މަރާލަން ޖެހުނީ ހައްޔަރު ކުރަން މަސައްކަތް ކުރުމުން އެކަމަށް ދެކޮޅު ހެދުމުންނެވެ. ނަމަވެސް ބޯޕާލްގެ އިންސްޕެކްޓާ ޖެނެރަލް ފަހުން ވިދާޅުވި ގޮތުގައި ފުލުހުންނަށް ގައިދީން ފެނުނު އިރު އެމީހުންގެ އަތުގައި ހަތިޔާރު ހުއްޓެވެ. އަދި ގައިދީން މަރާލަން ޖެހުނީ އެމީހުން ބަޑި ޖަހަން ފެށުމުން ކަމަށް ބުނެފަ އެވެ.

ނަމަވެސް އެގައިދީންގެ ވަކީލު ބުނި ގޮތުގައި އެއީ ފުލުހުން އެމީހުން މަރާލުމަށް ކުރިން ރާވައިގެން ކުރި ކަމެކެވެ.

"އެއީ ފޭކު ކުރިމަތިލުމެއް. ކުރިން ރާވައިގެން އެއްވެސް ރަހުމެއް ނެތި އެމީހުން މަރާލީ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެމީހުން ޖަލުން ފިލީކީ ނޫން ނަމަވެސް އެމީހުން ޖަލުން ފިލަން ފުލުހުން މަޖުބޫރު ކުރީ،" މަރާލި އަށް ގައިދީންގެ ތެރެއިން ހަތް ގައިދީން ވަކީލު ކަމަށްވާ ޕަރުވޭޒް އަލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާގެ ނޫސްތަކުން ވަނީ އެއްވެސް ހަތިޔާރަކާ ނުލައި ޖަލުން ގައިދީން ފިލި ގޮތާ ބެހޭ ގޮތުންނާއި، ސަލާމަތީ ކަންތައްތައް ވަރުގަދަ ޖަލަކުން ގައިދީން ފިލި ވަގުތު ސީސީޓީވީ ކެމެރާތައް މަސައްކަތް ނުކުރީ ކީއްވެގެންތޯ ބުނެ، ސުވާލު އުފައްދާފަ އެވެ. ނަމަވެސް އެސުވާލުތަކަށް އޮފިޝަލުން އަދި އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ނޫސްތަކުން ބުނެ އެވެ.

ވަކީލު އަލަމް ވަނީ ޖޫޑީޝަރީން ނުވަތަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އެ މައްސަލަ ތަހުގީގު ކުރުމަށް އެދި ހައި ކޯޓަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)