އޭޝިއާ އަދި މެދު އިރުމަތީގެ އިތުރު 11 ސަރަހައްދަކަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފަށައި، ހިދުމަތް ފުޅާކުރަން އެ އެއާލައިނުން ނިންމައިފި އެވެ.

ކޮލޮމްބޯ މެދުވެރިކޮށް ސްރީ ލަންކަން އެއާލައިންސް މެދުވެރިކޮށް ދަތުރުތައް ފަށަން ނިންމާފައިވާ އިތުރު ސަރަހައްދުތަކަކީ ޕާކިސްތާންގެ ލާހޫރާއި އިންޑޮނޭޝިއާގެ ޖަކާޓާއާ، ބަންގްލަދޭޝްގެ ޑާކާ އައި އޮމާންގެ މުސްކެޓްއާ އަދި އިންޑިގެ ކޮލްތައްތާއާ، މަދުރާއި، ވަރާނަސީއާ، ބޮދް ގަޔާގެ އިތުރުން ބަހްރޭނާއި ސީޝެލްސް އަދި ރާއްޖޭގެ ގަމެވެ.

އެ ނިންމުމާއެކު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް 47 ގައުމެއްގެ 106 ސަރަހައްދަަކަށް ކުރާނެ އެވެ.

ސްރީ ލަންކަން އެއާލައިންސް އިން މިހާރު އިންޑިއާގެ ހަތް ސިޓީއަކަށް ހަފްތާއަކު 88 ފްލައިޓް ދަތުރުކުރާއިރު، އިންޑިއާގެ އިތުރު ހަތަރު ސަރަހައްދަކަށް ދަތުރުތައް ފުޅާކުރުމުން އިންޑިއާގެ 11 ސިޓީއަކަށް ސްރީ ލަންކަން އެއާލައިންސް އިން ހަފްތާއަކު 106 ފްލައިޓް ދަތުރުކުރާނެ އެވެ.

އަދި ސްރީލަންކަން ވެގެންދާނީ އިންޑިއާގެ އެންމެ ބޮޑު ސަރަހައްދަކަށް ދަތުރުތައް ކުރާ ބޭރުގެ އެއާލައިނަށެވެ.

އަދި އެތައް އަހަރުތަކެއް ވަންދެން ރާއްޖެއަށް އޮޕަރޭޓްކުރާ އެންމެ ބޮޑު އެއާލައިންގެ މަގާމުގައި އޮތް ސްރީލަންކާގެ ދަތުރުތައް އައްޑޫ ސިޓީގެ ގަމަށް ކުރަން ނިންމުމާއެކު އެ އެއާލައިން ވެގެންދާނީ ރާއްޖޭގެ ދެކުނަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަށެވެ.

އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފަށަން ނިންމާފައިވާއިރު، އެ އެއާލައިނުން ގަމަށް ހަފްތާއަކު ހަތަރު ފްލައިޓް ދަތުރުކުރާނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފުޅާކުރަން ނިންމުމާ ގުޅިގެން އެ އެއާލައިންގެ ޗެއާމަން އަޖިތު ދިއާސް ވިދާޅުވީ އޭޝިއާ އަދި މެދު އިރުމައްޗަށް އަމާޒުކޮށް އެ އެއާލައިންގެ ހިދުމަތްތައް ފުޅާކުރަން ނިންމީ އެ ސަރަހައްދުގެ ގައުމުތައް ކުރިއަރަމުން އަންނާތީ ފުރުސަތުތައް އިތުރުވަމުންދާތީ ކަމަށެވެ.

އަދި އޭޝިއާގެ ގިިނަ ގައުމުތައް އެއް ނެޓްވޯކަކުން ގުޅާލުމުން ފަސިންޖަރުންނަށް ފަސޭހަވުމުގެ އިތުރުން ކުންފުންޏަށް ވެސް ފައިދާތަކެއްވާނެ ކަން ޔަގީންވާ ކަމަަށެވެ.

ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ސުރެން ރަވެއްޓަ ވިދާޅުވީ އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ފުރިހަމަ އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް A330-300 ގެ ފްލައިޓުތައް އެއާލައިންސްގެ ފްލީޓުގައި ހިމަނާފައިވާ ކަމަށެވެ.
އަދި ވަރަށް އަވަހަށް A320 ނިއޯ އަދި A321 ނިއޯގެ ފްލައިޓުތައް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.