02 Nov 2016, 12:07
ރާއްޖޭގެ އެންމެ ކާމިޔާބު ސްކޫލްތަކުގެ ތެރޭގައި ހިމެނޭ އެއް ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 10 ގައި މި އަހަރުގެ ކިޔެވި ދަރިވަރުން ގްރެޖުއޭޓް ވެއްޖެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ޝަރަފްވެރި ކޮށްދެއްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތްނެވި ރޭގެ ރަސްމިއްޔާތެއްގައި 217 ދަރިވަރުން ވަނީ ގްރެޖުއޭޓް ވެފަ އެވެ.
އަހުމަދިއްޔާ ސްކޫލުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 217 ދަރިވަރުން ބައިވެރިވެފައިވާ އިރު، 201 ދަރރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ. އެއީ 92 ޕަސެންޓެވެ.

ރޭ ބޭއްވި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 10ގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ގްރެޖުއޭޓްވި ދަރިވަރަކަށް އެވޯޑް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އޭއައިއެސް
އަދި އޯލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެ ސްކޫލުގެ 45 ދަރިވަރަކު އޯލެވެލް ގައުމީ ގަދަ 10ގައި ވެސް ހިމެނުނު އިރު، ތިން ދަރިވަރަކު ވަނީ ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާއިން ދުނިޔޭގެ ގަދަ ދިހައެއްގައި ވެސް ހިމެނިފަ އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މި އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އަމާޒަކީ ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް މިއަހަރު ވެސް އިތުރުވުން ކަމަށެވެ.

ރޭ ބޭއްވި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 10ގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ގްރެޖުއޭޓްވި ދަރިވަރަކަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޝާޔަން ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އޭއައިއެސް
ޕްރީ ސްކޫލާއި ނާސަރީގެ އިތުރުން ޕްރައިމަރީގެ ގްރޭޑް އެކަކާއި ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކަށް ކިޔަވައިދެމުން އަންނަ އަހުމަދިއްޔާ ސްކޫލުން މި އަހަރުގެ އޯލެވެލް އިމްތިހާން 217 ދަރިވަރަކު ހަދާނެ އެވެ.
ޕްރިންސިޕަލް ރަޝީދު ވިދާޅުވީ، އަންނަ އަހަރު އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ރެޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ގިނަ ސްކޫލްތަކުން އަހުމަދިއްޔާ ސްކޫލަށް ބަދަލުވުމަށް ނަން ނޯޓު ކުރަމުންދާ ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 10ގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ގްރެޖުއޭޓްވި ދަރިވަރަކަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އޭއައިއެސް