02 Nov 2016, 12:02
ވޮޝިންޓަން (ނޮވެމްބަރު 2): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްސް ނުދެއްކުމުގެ ގޮތުން މަކަރު ހަދާފައި ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.
ޓްރަމްޕް ޓެކްސް ނުދެއްކުމަށް މަކަރު ހެދި ކަމަށް ބުނެ ނިއު ޔޯކް ޓައިމްސް އިން ރިޕޯޓެއް ނެރެފައި ވަނީ އޭނާ ޓެކްސް ނުދައްކާތާ 18 އަހަރު ވެދާނެ ކަމަށް ބުނެ އެނޫހުން ރިޕޯޓެއް ނެރުނުތާ އެއް މަސް ފަހުންނެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން 1990 ވަނަ އަހަރު ޓްރަމްޕްގެ ކަސީނޯ ވިޔަފާރިތައް ފެއިލް ވާން ފެށުމުން އޭނާ ވަނީ އޭނާ އަށް 916 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ބުނެ، އޭނާގެ ވިޔަފާރިތަކަށް ފައިސާގެ އެހީ ދިން ފަރާތްތަކުން އޭނާގެ ދަރަނި މާފު ކުރުމަށް ޕްރެޝަރު ކުރައްވާފަ އެވެ. ޓެކްސް ގަވާއިދުތަކުގައިވާ ގޮތުން ދަރަންޏެއް މާފުކޮށްފި ނަމަ އެދަރަނީގެ ފައިސާ އިން ޓެކްސް ދައްކަން ޖެހޭނެ އެވެ.
ނަމަވެސް އޭނާގެ ދަރަނި މާފު ކުރިކަން އިންޓާނަލް ރެވެނިއު ސާވިސެސް (އައިއާރުއެސް) އަށް ރިޕޯޓު ނުކުރުމަށް ޓަކައި ޓްރަމްޕް ވަނީ އޭނާގެ ފެއިލްވަމުން ދިޔަ ވިޔަފާރިތަކުގައި ބައިވެރިވާ ފަރާތްތަކަށް ހިއްސާ ވިއްކާފަ އެވެ. އޭގެ ސަބަބުން މާފު ކުރި ދަރަނިއަށް ޓެކްސް ދެއްކުމުން އޭނާ އަށް ރެކުނު ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެ އެވެ.
އެމެެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަތް ދުވަހަށް ވެފައިވާ އިރު ގައުމުގެ މައި ދެ ޕާޓީއަށް ނިސްބަތްވާ ރިޔާސީ ކެނޑިޑޭޓުންގެ ކެމްޕެއިނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ޓްރަމްޕްގެ ޓެކްސް ނުދައްކާ މައްސަލަ އާއި އަންހެނުންނާ ބެހޭ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކެއް ދެއްކެވި މައްސަލަ އެވެ. ޑިމޮކްރަޓިކް ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަން އަށް އޭނާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ގޮތުގައި ހުންނެވި އިރު ރަސްމީ ބޭނުންތަަކަށް އަމިއްލަ އީމެއިލް ސާވާއެއް ބޭނުން ކުރެއްވި މައްސަލަ އެވެ.
އެމެރިކާގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ދެ ބޭފުޅުންނަށް ތާއިދު ކުރާ މީހުންގެ މިންވަރުގެ މެދުގައި އޮންނަ ތަފާތު ދަނީ އިންތިހާބު ކައިރި ވަމުން އަންނަ ވަރަކަށް ކުޑަ ވަމުންނެވެ.