02 Nov 2016, 11:57
މިދިޔަ ސެޕްޓެމްބަރު މަހުގައި ރާއްޖޭގެ ކުންފުނިތަކުން މަސް ކިރުވި މިންވަރު 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 21 ޕަސެންޓު އިތުރު ވެއްޖެ އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ނެރުނު އިގްތިސާދީ ރިވިއުގެ މިމަހުގެ އަދަދުގައި ބުނެފައިވާ ގޮތުން، ސެޕްޓެމްބަރު މަސް ތެރޭގައި ރާއްޖޭގެ ކުންފުނިތަކުން 2503.3 މެޓްރިކް ޓަނުގެ މަސް ކިރާފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މަސް ކިރުވި މިންވަރާ އަޅާ ބަލާއިރު 21 ޕަސެންޓު އިތުރު އަދަދެއް ކަމަށްވީ ނަމަވެސް މަހުން މަހަށް ބަލާއިރު މި އަދަދަކީ އޯގަސްޓު މަހު ކިރުވި މަހުގެ މިންވަރާ އަޅާ ބަލާއިރު ނުވަ ޕަސެންޓު ދަށް އަދަދެކެވެ.
ސެޕްޓެމްބަރު މަހުގައި 2503.3 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ އިރު، އޯގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކުން 2751.5 ޓަނުގެ މަސް ކިރާފައިވެ އެވެ.
އޯގަސްޓު މަހުގައި މަސް ކިރުވި މިންވަރު އިތުރުވި ނަމަވެސް އެމަހުގައި މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅާ ބަލާއިރު 20 ޕަސެންޓު ދަށްވެފަ އެވެ. އެއާއެކު މަސް އެކްސްޕޯޓުކޮށްގެން މި މުއްދަތުގައި ރާއްޖެއަށް ލިބުނު އާމްދަނީ ވެސް ވަނީ 18 ޕަސެންޓު ދަށްވެފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މަސް އެކްސްޕޯޓު ކުރި މިންވަރު ދަށްވެފައި ވަނީ ތާޒާ އަދި ފިނިކުރި ކަންނެލި އަދި ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރު ދަށްވުމާ ގުޅިގެންނެވެ. އަދި މަސް އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތާޒާ އަދި ފިނިކުރި ކަންނެލި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދަށްވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.