02 Nov 2016, 11:55
ދުނިޔޭގެ އެންމެ މޮޅު ޓީމް ބަލިކުރެވުމުން މެންޗަސްޓާ ސިޓީގެ ފެންވަރު ވަޒަންކުރެވިއްޖެ ކަމަށް އެޓީމްގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ގާޑިއޯލާގެ ކުރީގެ ކްލަބު، ބާސެލޯނާ 3-1ގެ ނަތީޖާ އަކުން ބަލިކުރުމަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ދުނިޔޭގެ އެންމެ މޮޅު ޓީމަކީ ބާސެލޯނާ ކަމަށާއި އެޓީމް ބަލިކުރެވުމުން ސިޓީގެ އަސްލު ފެންވަރު ފެނިގެން ހިގައްޖެ ކަމަށެވެ.
"ސިޓީގެ ކުޅުންތެރިންނާ މެދު ފަޚްރުވެރިވޭ. މިއީ ފުރުތަމަ ފަހަރު އަހަރެމެންނަށް ދުނިޔޭގެ އެންމެ މޮޅު ޓީމް ބަލިކުރެވުނު. އެކަން ލިޔެވިގެން ދާނެ ތާރީހުގައި ވެސް،" ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ސިޓީ މޮޅުވީ ލިއޮނަލް މެސީ ގޯލެއް ކާމިޔާބްކޮށް ބާސެލޯނާއަށް ލީޑް ނަގައިދީފައި ވަނިކޮށް ފަހަތުން އަރާ ތިން ގޯލު ކާމިޔާބުކޮށްގެންނެވެ. ސިޓީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު އިލްކާއީ ގުންޑޮގަން ކާމިޔާބްކޮށްދިން އިރު އަނެއް ގޯލު ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރޭނާ އެވެ.
"މެޗުގެ ފުރަތަމަ 30 މިނެޓް ބާސެލޯނާ އިން ވަނީ ވަރަށް ރަނގަޅަށް ކުޅެފައި. އަހަރެމެންނަށް ފުރަތަމަ ގޯލު ކާމިޔާބު ކުރެވެންދެކަށް އުޅެން ޖެހުނީ ވަރަށް ގިނަ މައްސަލަތަކެއްގެ ތެރޭގައި. ނަމަވެސް ފުރަތަމަ ގޯލަށް ފަހު ޓީމް ވަނީ ހަމައަކަށް އެޅުފައި. އަދި ދެވަނަ ހާފްގައި ކައުންޓަރު އެޓޭކްތަކުން ވަރަށް ގިނަ ހުސްފުރުސަތުތަކެއް ވެސް ހޯދު،ނު" ގާޑިއޯލާ ބުންޏެވެ.
މީގެ ކުރިން ބާސެލޯނާއަށް ކޯޗު ކޮށްދީ އެޓީމާ އެކު ދެފަހަރު ޗެމްޕިއަންސް ލީގް ޓްރޮފީ ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ބުނީ ބާސެލޯނާ އިން ކުޅުނީ އެޓީމުން ވޭތުވެ ދިޔަ 25 އަހަރު ތެރޭގައި ވެސް ކުޅެމުން ދިޔަ ސްޓައިލަށް ކަމަށާއި ސިޓީއިން ތަފާތު ސްޓައިލަކަަށް ކުޅެން ފެށިތާ އަދި ވަނީ ތިނެއް ނުވަތަ ހަތަރު މަސް ކަމަށެވެ.
"އަހަރެމެން ރޭގައި މި ކުޅުނީ މުޅިން ތަފާތު ސްޓައިލަކަށް. ދިގު ބޯޅަތަކެއް ލައިގެން ކުޅެން ޖެހުނީ އަދިވެސް އަހަރެމެން ރެޑީއެއް ނުވޭ ބާސެލޯނާ އިން ކުޅެމުންދާ ގިނަ ޕާސްތަކެއް ދީގެން ކުޅޭ ސްޓައިލަށް ކުޅޭކަށް،" ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގްގެ ގްރޫޕް ސްޓޭޖްގައި މިދެޓީމް ބާސެލޯނާގެ ދަނޑުގައި މިދިޔަ މަހު ކުޅުނު މެޗު ބާސެލޯނާ އިން ވަނީ ފަސޭހަ ކަމާއި އެކު 4-0ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފަ އެވެ.