މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 101،909 އަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ މަހަކު ނެރޭ އިގްތިސާދީ ރިވިއުގެ މިމަހުގެ އަދަދުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ހަތް ޕަސެންޓު އިތުރެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ސެޕްޓެމްބަރު މަހު ފަތުރުވެރީން ޒިޔާރަތް ކުރި އަދަދު ޖުމްލަކޮށް އިތުރުވެފައި ވަނީ ޔޫރަޕް އަދި މެދުއިރުމަތީގެ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު އިތުރުވުމުންނެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓް ކަމުގައިވާ ޗައިނާ އިން ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

އަހަރުން އަހަރަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް މަހުން މަހަށް ބަލާއިރު މިއަހަރުގެ އޯގަސްޓު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު ސެޕްޓެމްބަރު މަހުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ނުވަ ޕަސެންޓު ދަށްވެފަ އެވެ.

ާރާއްޖޭގައި ފަތުރުވެރީން ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވްރެޖްކޮށް، ކޮންމެ ފަތުރުވެރިޔަކު ވަނީ ރާއްޖޭގައި 5.5 ދުވަސް ހޭދަކޮށްފަ އެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގައި މި އަދަދު 3.5 އަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރި ދުވަސްތައް އެވްރެޖްކޮށް މަދުވެފައިވީ ނަމަވެސް ސެޕްޓެމްބަރު މަހުގައި ޖުމްލަކޮށް ފަތުރުވެރީން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ ދެ ޕަސެންޓު އިތުރުވެފައެވެ. އެއާ އެކު ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕޭންސީ ރޭޓު ވަނީ 64 ޕަސެންޓު މައްޗަށް ގޮސްފައެވެ.