02 Nov 2016, 09:45
ޗެމްޕިއަންސް ލީގު ގްރޫޕް ޑީގައި ރޭ ރަޝިޔާގެ ރޮސްޓޯވް އެފްސީއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރު ވާން ދަނިކޮށް މެޗުގެ އެންމެ ފަހުވަގުތު އެންޓޯނިއޯ ގަރިޒްމަން ކާމިޔާބުކޮށްދިން ގޯލުން 2-1ގެ ނަތީޖާ އަކުން މޯޅުވެ ގަދަ 16ގެ ޖާގައެއް އެތުލެޓިކޯއިން ކަށަވަރުކޮށްފިއެވެ.
އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ގްރިޒްމަންއެވެ. މެޗުގެ 28 ވަނަ މިނެޓްގައި ގްރިޒްމަން އެ ގޯލު ކާމިޔާބު ކުރީ ކެރަސްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އެތުލެޓިކޯއިން ލީޑުނެގިތާ ދެމިނެޓް ފަހުން ރޮސްޓޯވްއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއް ވަރުކޮށްފަ އެވެ. ރޮސްޓޯވަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ކާމިޔާބްކޮށްދިނީ އީރާންގެ ޒުވާން ފޯވާޑް ސާޑާރ އަޒްމޯނެވެ.
އެ ނަތިޖާގައި އޮވެ މެޗު ނިމެން ދަނިކޮށް އެތުލެޓިކޯއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ގަރިޒްމަން ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓުގައެވެ.
އެ ގްރޫޕުގައި ރޭ ބަޔާން މިއުނިކް ކުޅުނު މެޗު 2-1ގެ ނަތީޖާ އަކުން ނެދަލެންޑްގެ ޕީއެސްވީ އަތުން މޮޅުވެ ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް ލީޑު ނެގީ ޕީއެސްވީއިންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި ޕީއެސްވީއަށް އެގޯލު ކާމިޔާބްކޮށްދިނީ ސެންޓިއާގޯ އަރިއަސްއެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިނީ ލިބުނު ޕަނަލްޓީއެއްގައި ރޮބަޓް ލެވޮންޑޯސްކީއެވެ. ބަޔާނަށް ލީޑް ނަގައިދިން ގޯލު ވެސް ކާމިޔާބްކޮށްދިނީ އޭނާއެވެ. ދެވަނަ ހާފްގެ 73 ވަނަ މިނެޓްގައި ލެވޮންޑޯސްކީ އެގޯލު ކާމިޔާބުކުރީ ޑޭވިޑް އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
އެ ގުރޫޕްގައި ކޮންމެ ޓީމަކަށް ބައިކީ ދެމެޗު އޮތް އިރު ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ އެތުލެޓިކޯއެވެ. ދެވަނާގައި އޮތް ބަޔާންއަށް ލިބެނީ ނުވަ ޕޮއިންޓެވެ. ތިންވަނާގައި އޮތް ޕީއެސްވީ އާއި ފުލުގައި އޮތް ރޮސްޓޯވްއަށް ލިބެނީ އެއް ޕޮއިންޓެވެ.