02 Nov 2016, 10:01
އަހަރުން އަހަރަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.21 ޕަސެންޓު ދަށްވެއްޖެ އެވެ.
ނޭޝަނަލް ބިއޫރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެގެ އިންފްލޭޝަން ރޭޓް ވަނީ 0.21 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
މަހުން މަހަށް ބަލާއިރު، މަހުގެ އަގުތަކަށް އައި ބަދަލާ ނުލައި ބަލާއިރު ފާއިތުވި ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ހުރީ 0.07 ޕަސެންޓްގައެވެ. އަދި އޯގަސްޓު މަހުގެ އިންފްލޭޝަން ހުރީ 0.24 ޕަސެންޓުގައެވެ. މަހުގެ އަގުތަކަށް އައި ބަދަލާއެކު ބަލާއިރު، ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ހުރީ 0.38 ޕަސެންޓު މަތީގައެވެ. އަދި އެ ބަދަލާއެކު އޯގަސްޓު މަހުގެ އިންފްލޭޝަން ހުރީ 0.09- ޕަސެންޓުގައި އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަހުގެ ބާވަތްތަކުން ނެގުނު އަގުތައް ވަނީ 3.89 ޕަސެންޓު މަތިވެފަ އެވެ. މޭވާގެ ބާވަތްތަކުގެ އަގު 3.36 ޕަސެންޓު މަތިވެފައިވާއިރު ދެން އެންމެ އަގު ބޮޑުވެފައި ވަނީ ތަރުކާރީގެ ބާވަތްތަކެވެ. ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ 2.31 ޕަސެންޓު މަތިވެފަ އެވެ.
މީގެ އިތުރުން، ގޯދި ގެދޮރުގައި ބޭނުން ކުރާ ހަރުމުދަލުގެ އަގުތައް ވަނީ 1.70 ޕަސެންޓު މަތިވެފައެވެ.
ސެޕްޓެމްބަރު މަހުގައި އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ ކޮމްޕިއުޓާ އަދި ލެޕްޓޮޕްގެ ބާވަތްތަކުންނާއި މޯބައިލް ފޯނުގެ ބާވަތްތަކުންނެވެ. އެގޮތުން ކޮމްޕިއުޓާ އަދި ލެޕްޓޮޕްގެ ބާވަތްތަކުގެއަގުތައް 3.22 ޕަސެންޓު ދަށްވެފައިވާއިރު މޯބައިލް ފޯނުގެ އަގުތައް ދަށްވެފައި ވަނީ 3.11 ޕަސެންޓަށެވެ.
ބިހާއި ކިރު އަދި ޗީޒްގެ ބާވަތްތަކުގެ އަގުތައް 0.64 ޕަސެންޓު ދަށްވެފައިވާއިރު ބޭހުގެ ބާވަތްތަކުގެ އަގުތައް ވެސް ވަނީ 0.60 ޕަސެންޓު ދަށްވެފަ އެވެ. ޒީނަތްތެރި ވުމަށް ބޭނުން ކުރާ ސާމާނުގެ އަގުތައް 0.59 ޕަސެންޓު ދަށްވި އިރު ތެލާއި މާޖިރިންގެ ބައިން އަގުތައް ވަނީ 0.62 ޕަސެންޓު ދަށްވެފަ އެވެ.