މީޑިއާ ރެގިއުލޭޓް ކުރުމަށް މިނިވަން އެއް މުއައްސަސާ ބޭއްވުމުގެ ވިސްނުން މިހާރު ސަރުކާރުން ނުގެންގުޅޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބުރޮޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލްއަށް އެކަން ނުކުރެވޭއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެދެ މުއައްސަސާ އެއްކޮށްލައި އެއް މުއައްސަސާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ހޯމް މިނިސްޓަރު އަޒްލީން ސަން އަށް ވިދާޅުވީ ސަރުކާރުން މިހާރު އެވިސްނުން ނުގެންގުޅޭ ކަމަށާއި އަދި އެގޮތަށް ނުނިންމާ ކަމަށެވެ. މިހާރު ވިސްނުން ހުރީ މިހާރު އޮތްގޮތަށް ކުރިއަށްދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމަށް ޖުމްލަ ތޭރަ މިލިއަން ރުފިޔާ ހަރަދުކުރާއިރު މީޑިއާތަކުން ގަބޫލް ކުރާގޮތުގައި ވެސް މިހާރު ދެ މުއައްސަސާ ބާއްވައިގެން އެކުރާ ހަރަދަކީ ބޭކާރު ހަރަދެކެވެ. ހަވީރު ނޫހުގެ އެޑިޓަރު، މޫސާ ލަތީފް ވިދާޅުވީ ރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރުމަށް ބޭނުންވަނީ އެއް މުއައްސަސާ ކަމަށެވެ.

"ދެ ކޮމިޝަނެއް މުހިންމެއް ނޫން، އެއަށްވުރެ ކުޑަކުޑަ ތަނެއް ރާއްޖެއަކީ، ވަރަށް މަދު މީޑިއާތަކެއް މި ކުރިއަށް ގެންދަނީ، އެއް ކޮމިޝަނަކުން ދެ ކަންތައް ކުރެވިދާނެ،" މޫސަ ވިދާޅުވި އެވެ.

ދެ މުއައްސަސާ އޮތުމަކީ ބޭކާރު ކަމެއްކަމަށް ބުނަމުން އައިނަމަވެސް މިހާރު ވެސް ވަނީ މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރުމަތިލުމަށް ފުރުސަތު ހުޅުވާލާފަ އެވެ.

މީޑިއާ ކައުންސިލަށް މިއަހަރު ދައުލަތުގެ ބަޖެޓުން 4,607,328 ރުފިޔާ ހަރަދުކުރާ އިރު ބްރޮޑްކާސްޓިން ކޮމިޝަނަށް ދަނީ 9,074,089 ރުފިޔާ ހަރަދުކުރަމުންނެވެ. މީޑިއާ ރެގިއުލޭޓް ކުރުމަށް ޖުމްލަ ތޭރަ މިލިއަން ރުފިޔާ ހަރަދުކުރާއިރު މީޑިއާތަކުން ގަބޫލް ކުރަނީ އެއީ ބޭކާރު ހަރަދެއްގެ ގޮތުގަ އެވެ.