02 Nov 2016, 08:50
ހަމަގައިމު ވެސް އާލިއާ ބަޓް އަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ކޮންމެ ފިލްމަކާ އެކު އޭނާ އަންނަނީ އެކްޓަރެއްގެ ގޮތުގައި އިތުރު ކުރިއެރުންތަކެއް ހޯދަމުންނެވެ.
ދެހާސް ބާރަ ވަނަ އަހަރު ނުކުތް 'ސްޓުޑެންޓް އޮފް ދަ އިޔާ' އިން ބޮލީވުޑަށް ނުކުތުމަށް ފަހު މިއަދާ ހަމައަށް އާލިއާ ވަނީ ތަފާތު މޮޅު ރޯލުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.
އާލިއާގެ ހުނަރުވެރިކަމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް އޭނާ އަށް ސަޕޯޓު ކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އާލިއާ ވަނީ ސޯޝަލް މީޑިއާގައި ވެސް ބޮލީވުޑުގެ ބައެއް އަންހެން ފަންނާނުން ފަހަތަށް ޖައްސާލުމަށް ފަހު ކުރި ހޯދައިފަ އެވެ.
އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރި އާލިއާ އަށް މިހާރު ވަނީ 10 މިލިއަން އަށް ވުރެ ގިނަ ފޮލޯވަރުން ލިބިފަ އެވެ. މިއީ އަނުޝްކާ ޝަރްމާ އަދި ޕަރިނީތީ ޗޯޕްޅާ ފަދަ ފަންނާނުންނަށް ވެސް އަދި ހާސިލް ކުރެވިފައިވާ ކަމެއް ނޫނެވެ.
އިންސްޓަގްރާމްގައި އާލިއާ ފޮލޯ ކުރާ މީހުންގެ އަދަދު 10 މިލިއަނަށް އެރުމާ އެކު އާލިއާ ވަނީ އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް ވީޑިއޯ އެއް އަޕްލޯޑް ކޮށްފަ އެވެ.
'ހައިވޭ' އަދި 'އުޅްތާ ޕަންޖާބު'ގައި އާދަޔާ ޚިލާފު މޮޅު އެކްޓިން އެއް ދައްކުވައިދީފއިވާ އާލިއާ ދެން ފެނިގެން ދާނީ ޝާހް ރުކް ޚާން އާއެކު 'ޑިއާ ޒިންދަގީ' އިންނެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.