12 Jun 2011, 14:47
ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ދައުވާ ލިބޭ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހަސަން އާދިލް މުޖްތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އާދިލް ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދިފައި ވަނީ އޭނާގެ މައްޗަށް މިއަދު ހިންގި ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުގެ ފަރާތުންނެވެ. ޕީޖީ އޮފީހުން އެދުނު ގޮތަށް ކޯޓުން އެ އަމުރު ނެރުނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އާދިލް ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ފެންނާތީ އާއި އެފަދަ ކުށަކަށް ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނު"ގެ މަގްސަދު ކަމަށް ވާތީ އެވެ.
މިއީ އާދިލްގެ މައްޗަށް ޕީޖީ އޮފީހުން ކުރާ ކުޑަކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ދައުވާގެ ޝަރީއަތް ބޭއްވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ބަދުއަހުލާގީ އެއްވެސް މައްސަލައެއް އަޑުއެހުމަށް ކޯޓުން ފުރުސަތު ނުދޭތީ އެ މައްސަލައަކަށް ވެސް ނޫސްވެރިންނަކަށް ނުވަދެވުނެވެ.
އެންމެ 13 އަހަރުގެ ކުއްޖަކާ ގަދަކަމުން ބެހުނު ކަމަށް ތުހުމަތު ކުރެވޭ 42 އަހަރުގެ އާދިލްގެ މައްޗަށް ޕީޖީ ދައުވާ ކުރަނީ "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު"ގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފި އެއީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ނ. ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާ 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ.